"ސެޓް ޔޯ ގޯލް" އިވެންޓުން މިފަހަރު ވެސް އުމްރާ ދަތުރެއް!

ޒުވާނުންގެ ތަރައްގީއަށް މަސައްކަތްކުރާ އެންޖީއޯ އެއް ކަމަށްވާ ޔޫތު ޔޫނިއަން (ޔޫން) އިން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި "ސެޓް ޔޯ ގޯލް" އިވެންޓް ފަށައިފި އެވެ.
މި އިވެންޓަކީ ރަމަޟާން މަހަށް ހާއްސަކޮށްގެން ޔޫން އާއި އަލް-ހިޖްރާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.
މިއަހަރު މި އިވެންޓް ކުރިއަށްދާނީ މާޗް މަހުގެ 7، 14، 21 އަދި 28 ވާ ހުކުރު ދުވަސްތަކުގައި ހަވީރު 4:15 އިން ފެށިގެން 6:00 އާ ހަމައަށް، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގަ އެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އުނގެނުމާއި، މުނިފޫހިފިލުވުމާއި އަދި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ހޯދައިދިނުމެވެ.
މި އިވެންޓުގައި ރާއްޖޭގެ އެކިއެކި ދީނީ އިލްމުވެރީންނާ ބައްދަލުކޮށް ސުވާލުކޮށްލުމުގެ ފުރުސަތުގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން އެކި ބާވަތުގެ ކުޅިވަރުތައް ކުޅުމާއި، އަދި މުސްހަފާއި ދީނީ މައުލޫމާތު ހިމެނޭ ފޮތްތަކާއި ލީފްލެޓްތައް ބެހުން ހިމެނެ އެވެ.
މިހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެކި ބާވަތުގެ އިނާމު ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެގޮތުން މި އިވެންޓުގެ ދަށުން ކޮންމެ ހަފްތާއެއްގައި ބާއްވާ ހަރަކާތުގެ ބައިވެރީންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޕޮއިސް ޕާފިއުމްސް އަދި އިރުއަލި ސަޕްލައިސްގެ ފަރާތުން ހަދިޔާ ކުރާ ގިފްޓް ޕެކްތަކެއް ލިބިގެން ދާނެ ކަމަށް ޔޫތު ޔޫނިއަނުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން، މިރަމަޟާން މަހުގެ "ސެޓް ޔޯ ގޯލް" ގެ ހުރިހާ އިވެންޓެއް ނިމުމަށްފަހު، އެކި އިވެންޓުތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ރިހްލާ ޓްރެވަލްސްގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ އުމްރާ ދަތުރެއް ލިބިގެން ދާނެ އެވެ. އަދި ހަމައެއާއެކު އިތުރު ފަރާތަކަށް އަކުރު އިންސްޓިޓިއުޓްގެ ފަރާތުން ސްޕޮންސާ ކޮށްފައިވާ ގުރުއާން ކިލާސް ސްކޮލާޝިޕެއް ވެސް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

މި އިވެންޓުގެ ހަދިޔާތަކުގެ ގުރުއަތުލުން ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ތަރާވީހް ނަމާދަށްފަހު ދާރިސް ޓީވީ އަދި ޔޫތު ޔޫނިއަންގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ދައްކާނެ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.
"ސެޓް ޔޯ ގޯލް" އިވެންޓް ކުރިއަށް ގެންދަނީ ގިނަ އަދަދެއްގެ ސްޕޮންސަރުންގެ ދީލަތި އެހީއާއި އެއްބާރުލުމާ އެކީގައި ކަމަށް ޔޫތު ޔޫނިއަނުން ފާހަގަކޮށްފައިވެ އެވެ.
މިގޮތުން މެއިން ސްޕޮންސަރގެ ގޮތުގައި ރިހްލާ ޓްރެވަލްސް، ކޯ ސްޕޮންސަރގެ ގޮތުގައި ގިފްޓް ކާޑްސް ރާއްޖެ، އަދި އެސޯސިއެޓް ސްޕޮންސަރުންގެ ގޮތުގައި ޕޮއިސް ޕާފިއުމްސް، އަޔާދީ ތަކާފުލް އަދި ޑަންކް އެން ޑިޕް ހިމެނެ އެވެ.
މީގެ އިތުރުން މީޑިޔާ ޕާޓްނާގެ ގޮތުގައި ދަ ޑިޖިޓަލް ކްރޫ، ބްރޯޑްކާސްޓިން ޕާޓްނާގެ ގޮތުގައި ދާރިސް ޓީވީ، އަދި ހޯސްޓިން ޕާޓްނަރުންގެ ގޮތުގައި އެޗްޑީސީ އާއި މައިހުޅުމާލެ ބައިވެރިވެފައިވާ ކަމަށް ވެސް ޔޫތު ޔޫނިއަނުން ބުނެފައިވެ އެވެ.
މި އިވެންޓުގެ ހިއުމެނިޓޭރިއަން އެއިޑް ޕާޓްނަރުންގެ ގޮތުގައި އެހީ އާއި އައިއޭސީ ހިމެނޭއިރު، އިވެންޓް ޕާޓްނަރުންގެ ގޮތުގައި އެސްޓީއޯ، ޖަމްއިއްޔަތުއްސަލަފް، އަކުރު އިންސްޓިޓިއުޓް، ޕީސް ފައުންޑޭޝަން، އެމްއެންއެމްއެލް ޑިސައިންސް އަދި އިރުއަލި ސަޕްލައިސް ބައިވެރިވެފައިވާ ކަމަށް ޔޫތު ޔޫނިއަނުން މައުލޫމާތު ދީފައިވެ އެވެ.

މި އިވެންޓަކީ ހުރިހާ އުމުރުފުރާއެއްގެ އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ. ޔޫތު ޔޫނިއަންގެ ފަރާތުން ވަނީ ގިނަ ބައެއްގެ ބައިވެރިވުން މި ހަރަކާތުގައި އެދިފަ އެވެ. އަދި ޔޫތު ޔޫނިއަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އިތުރު މައުލޫމާތުތަކާއި ކޮންމެ ހަފްތާއެއްގެ އިވެންޓް އޮންނަ ލޮކޭޝަންތައް ވެސް ލިބިގެންދާނެ ކަމަށް އެޖަމްއިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.
