ޚަބަރު

އިންޑިއާ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިވެރިން ގަންނަ މުދާ އެކަނި: ފައްޔާޒު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއާއި އަވަށްޓެރި އިންޑިއާ އާއި ދެމެދު ޤާއިމު ކޮށްފައިވާ ކާގޯ ފެރީގެ ޚިދުމަތުގެ ތެރެއިން ރާއްޖެ ގެންނާނީ ހަމައެކަނި ރާއްޖޭގެ ވިޔަފާރިވެރިން ގަންނަ މުދާ އެކަނި ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކާގޯ ފެރީއާ ގުޅިގެން ރާއްޖެއަށް ގެއްލުން ވެދާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިފަދަ ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުން ޓްވިޓާ މެދުވެރިކޮށް މިނިސްޓަރު ވިދާޅުވީ އިންޑިޔާގެ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށެވެ.

އަދި މިފެރީ އާއި އެހެން ކާގޯ ބޯޓު ތަކުގެ ތަފާތަކީ މީގެ ދަތުރުތައް ޝެޑިއުލްވެފައި ހުރުމާއި ވިޔަފާރި ކުރުމަށް އިތުރު ފަސޭހަ ތަކެއް ލިބުން ކަމުގައި ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖެއާ އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވަނީ 21 ސެޕްޓެމްބަރުގައެވެ.

ޝިޕިން ކޯޕޮރޭޝަން އޮފް އިންޑިއާ (އެސް.ސީ.އައި) އޮޕަރޭޓް ކުރާ ކާގޯ ފެރީ އުޅަނދު އެމް.ސީ.ޕީ ލިންޒް އިންޑިއާގެ ޓުޓިކުރިން އަދި ކޮޗިންގެ ބަނދަރާއި ރާއްޖޭގެ ކުޅުދުއްފުށި އަދި މާލޭ ބަނދަރާ ގުޅުވައިދޭނެއެވެ. މި އުޅަނދު 26 ސެޕްޓެމްބަރ ގައި ކުޅުދުއްފުށީގައި އަދި 28 ސެޕްޓެމްބަރ ގައި މާލޭގައި ބަނދަރު ކުރާނެކަމަށް ލަފާކުރެވެއެވެ.

380 ޓީ.އީ.ޔޫ އަދި 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ ބަރުދަން އުފުލޭ އެމް.ސީ.ޕީ ލިންޒް ގެ ދަތުރުތަކުގެ "ޓާން އަރައުންޑް ޓައިމް" އަކީ 10-12 ދުވަސް ކަމަށާއި ރިފްރިޖަރޭޓް ކުރެވިފައި ހުންނަ ކޮންޓެއިނަރު އުފުލުމަށްޓަކާ މި އުޅަނދުގައި ރީފާ ޕްލަގްސް ހުންނާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި އުޅަނދުގެ ސަބަބުން އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ފުރަތަމަ ފަހަރަށް ސީދާ ކާގޯ ކަނެކްޓިވިޓީ ގާއިމް ވެގެންދާ ކަމަށާއި އަދި ދެގައުމުގެ ވިޔަފާރިވެރިން ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!