ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން ހުށަހެޅި މައްސަލަ ބޭރުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ސަސްޕެންޝަން އުވާލަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްފި އެވެ.
މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ، ފެހި ގާނޫނުއަސާސީގެ ޑްރާފްޓިން ކޮމިޓީގެ ޗެއާ އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އެވެ.
ހައި ކޯޓުގައި މައްސަަލަ ރަޖިސްޓްރީ ނުކުރަން ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ބައެއް މާއްދާތައް ވެސް ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ ހުށަހެޅުއްވި ނަމަވެސް ގާނޫނުއަސާސީއާ ހިލާފުވާ ގޮތެއް، ހިލާފުވަނީ ކޮން މާއްދާއަކާ ކަމެއް ފާހަގަކޮށްދީފައި ނުވާތީ އެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް އެ ކޯޓުގައި ބުދަ ދުވަހު ހެނދުނު ފަށަން އެ އަޑުއެހުމަށް ގާތްވެފައި ވަނިކޮށެވެ.
ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއިން އެއް މައްސަލަ ކަމަށްވާ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރަން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ދެ ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގައިފަ އެވެ.
