ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ ކުޑަކުދިންގެ އޮމްބަޑްސްޕާސަން ވެސް ކުށްވެރިކޮށްފި

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ކުރަމުން ގެންދާ މުޒާހަރާތަކުގައި އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވެސް ކުށްވެރިކޮށްފި އެވެ.
ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން އެމްޑީޕީގެ މުޒަހަރާގައި ވާހަކަ ދެއްކެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަރިޔަޒް ޒުބައިރު (މަންދީ) އެވެ.
އެ ވާހަކަތައް އެޗްއާރުސީއެމްއާއި އިލެކްޝަންސް ކޮމިޝަންއިން ވެސް ކުށްވެރިކޮށްފައިވާ މިއަދު ޗިލްރަންސް އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ބަޔާނުގައި ވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ވާހަކަ ދައްކައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އޭގެ މަންޒަރާއި އަޑު ދައްކާފައިވާތީ އެކަން ކުށްވެރިކޮށްފަ އެވެ.
އަދި އެ ހާދިސާ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެ މައްސަލަަ ބަލަމުންދާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ކުޑަކުދިންނާމެދު ހިންގާ އެފަދަ އަމަލުތަކުގެ ސަަބަބުން ކުޑަކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ ނަފްސާނީ ގޮތުން އެ ކުދިންނަށް ހިދެތި އަސަރުތަކެއް ކުރާކަން އޮމްބަޑްސް ޕާސަން އޮފީހުން ފާހަގަކުރި އެވެ.
އޮމްބަޑްސްޕާސަން އޮފީހުން އިތުރަށް ވަނީ
- ކުޑަކުދިންގެ ކަަރާމާތަށާއި ކުޑަކުދިންގެ މަސްލަހަތަށާއި އުނިކަން އަންނަ އެފަދަ އަމަލުތައް ކުރުން ހުއްޓާލައި ކުޑަކުދިންގެ ހައްގުތަކާއ ބައިނަލްއަގުވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހުރިހާ ފަރާތްތަކުންވެސް ދެމި ތިބުމަށް އިލްތިމާސްކޮށްފައި
- އެފަދަ އަމަލުތައް ތަކުރާރުވެނުދިއުމަށްޓަކައި ދިވެހި މުޖުތަމައުށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައި
އެމްޑީޕީގެ އެކްޓިވިސްޓް މަންދީ ދެއްކެވި ވާހަކަތައް ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ ކުށްވެރިކޮށް ބަޔާނެއް ނެރެ މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ދެކޮޅަށް މަދަނީ ދައުވާކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
