މުނިފޫހިފިލުވުން

"ރެހެންދިޚަދީޖާ" ބަލާލުމުގެ ފުރުސަތެއް ޑާކްރެއިނުން ދެނީ!

ދެން އެމްވީ

ދިވެހި ރާއްޖޭގެ ތާރީޚުގައި ރަނިކަން ކުރެއްވި އައްސުލްޠާނާ ޚަދީޖާ ޝްރީ ރާދަ އަބާރަނަ މަހާ ރެހެންދި (ރެހެންދިޚަދީޖާ) ގެ ޙަޔާތްޕުޅުގެ މައްޗަށް ބިނާކޮށް "ރެހެންދިޚަދީޖާ" ގެ ނަމުގައި، ޑާކްރެއިން އެންޓަޓެއިންމަންޓުން ފިލްމެއް އުފައްދަން އުޅޭކަމުގެ އުފާވެރި ޚަބަރު އެޕްރޮޑަކްޝަން ހައުސްއިން ދީފިއެވެ.

މިކަމާއި ގުޅޭގޮތުން ޑާކްރެއިންގެ ބާނީ މުޙައްމަދު އަލީ (މޮގާ) އޭނާގެ ފޭސްބުކްގަައި ލިޔެފައިވަނީ ފިލްމު އުފެއްދުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި މިއީ ޑާކްރެއިނުން މިހާތަނަށް އުފައްދާ އެންމެ ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.
"ރެހެންދިޚަދީޖާ" އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަށް ފިލްމުގެ ލިޔުންތެރިން ކަމަށްވާ އައިޝަތު ފުވާދު އާއި އަޙްމަދު ޠޮލާލް، އައްސުލްޠާނާ ރެހެންދި ޚަދީޖާއާއި ބެހޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހޯދާފައިވެއެވެ.
މިފިލްމުގެ އިތުރު ޚާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއް ކަމަކީ، ފިލްމުގައި ތަރިން ވާހަކަ ދައްކާނީ އިހުޒަމާނުގައި ދިވެހިން ވާހަކަ ދައްކާ އުޅުނު ގޮތަށް ކަމެވެ. އަދި ފިލްމުގައި ހަރަކާތްތެރިވާ ތަރިން ތިބޭނީވެސް އެޒަމާނުގައި ދިވެހިން އަޅާއުޅުނު ގޮތަށް ހެދުން އަޅައިގެންނެވެ.
ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ ތައްޔާރީތައްވެސް މިހާރު ނިމިފައިވާ ކަމަށް މޮގާ ބުނެފައިވެއެވެ.

ތާރީޚު ބުނާ ގޮތުގައި ރެހެންދިޚަދީޖާއަކީ ވަރަށް ވެސް ނުފޫޒުގަދަ ރަނިކަމަނާ އެކެވެ. އެގޮތުން އެކަމަނާގެ ބައްޕާފުޅު އައްސުލްޠާން އަބްދުލް ފަތުޙު ޖަލާލުއްދީން އުމަރް ވީރު ޝްރީ އަބާރަނަ މަހާރަދުން (އުމަރް މަހާރަދުން) އަވަހާރަވުމުން، އުމަރް މަހާރަދުންގެ ދަރިކަލުން އަހްމަދު ޝިހާބުއްދީން ވެރިކަމަށް އަރައިވަޑައިގަތެވެ. ނަމަވެސް ރެހެންދިޚަދީޖާ، އަޙްމަދު ޝިހާބުއްދީން ގަތުލުކޮށްލެއްވުމަށްފަހު ރަނިކަމަށް އަރައިވަޑައިގެންނެވި ކަމަށް ވެސް ތާރީޚުގައި ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. ރެހެންދިޚަދީޖާ އަކީ އައްސުލްޠާން އުމަރް މަހާރަދުންގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ.
މީގެއިތުރުން އެކަމަނާ ކައިވެނި ބައްލަވައިިގަތް ބޭފުޅުން ވެސް، ވެރިކަމަށް ވެރިވެވަޑައިގަންނަވާފާނެތީ، އެބޭފުޅުންވެސް އަވަހާރަކޮށްލި ކަމަށް ތާރީޚުގައި ބުނެފައިވެއެވެ.

ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގަތީ 3 ބޭފުޅުންނާކަމަށް ތާރީޚުން ބުނެއެވެ. އެއީ މުޙައްމަދު ޖަމީލް، އަބްދުﷲ މުޙައްމަދު އަލްހަލްރަމީ އަދި އަލީ ހަނދޭރި ކިލޭގެއެވެ.
ރެހެންދިޚަދީޖާ ރާއްޖޭގައި ރަނިކަން ކުރެއްވީ 1347 ވަނަ އަހަރުން 1380 ވަނަ އަހަރަށެވެ. އަވަހާރަވީ 1380 ވަނަ އަހަރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!