ވިޔަފާރި

ގައުމީ ޝިޕިން ލައިންގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފި

ދެން އެމްވީ ، ދެން އޮންލައިން

އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.

"އެމްވީ އައިބީރިއަން އެކްސްޕްރެސް" ގެ ނަން ދީފައިވާ މިބޯޓު ރާއްޖެ ބަނދަރުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ބޯޓަށް މަރުޙަބާކިޔުމުގެ ގޮތުން ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވާފައެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓް މިއަދު މާލޭ ވިޔަފާރި ބަނދަރަށް ލެފުން ފާހަގަކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރި ހުސެއިން އަމްރު ރަޝާދު، އެމްޕީއެލްގެ ސީއީ ޝާހިދު އަލީ އަދި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ސައީދު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބޭއްވި މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، މިއަދު މި ފެށުނު ޝިޕިން ލައިންގެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި މިއީ، ވިޔަފާރިވެރިންނާއި އާއްމުންނަށް ވެސް ހެޔޮ އަގުގައި މުދާ ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިންގލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މީގެ އިތުރުން ނުއަގުގައި ބޭރުގެ އާގުބޯޓުތައް ބޭނުންކޮށްގެން ރާއްޖެއަށް މުދާ ގެނައުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ރާއްޖޭގެ ގައުމީ ޝިޕިން ލައިން ހިންގުމަށް އުފެއްދި އެމްއެސްއެސް އަކީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަަމަށްވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުމެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!