ފަނޑިޔާރު އަލީ ރަޝީދު ޓެކްސީ ކުރައްވަން އުޅުނު ކަމަށް ބުނާ މައްސަލަ ނުބަލަން ނިންމައިފި

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގެން ރަސްމީ ގަޑީގައި އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޓެކްސީ ކުރައްވަން އުޅުނު ކަމަށް ބުނާ މައްސަލަ ނުބަލަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އަމިއްލަ މީހެއްގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލާގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން އޮތް ދުވަހު އެއާޕޯޓަށް މީހުން އުފުލަން އެ ދުވަހު ބޭއްވި އަޑުއެހުން ގަސްދުގައި ލަސްކުރަން ފަނޑިޔާރު އަލީ ރަޝީދު އުޅުއްވި ކަމަށެވެ.
އެނގިފައިވާ ގޮތުން މިއަދު ކޮމިޝަނުން މިއަދުގެ ބައްދަލުވުމަށް އެ މައްސަލައާ މެދު ގޮތެއް ނިންމަން އެޖެންޑާކުރި އެވެ. އެކަމަކު އެއީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ މައްސަލައަކަށް ނުވާތީވެ ކޮމިޝަނުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ.
ރަސްމީ ގަޑީގައި ކޯހެއް ހައްދަވަން ކޯޓުގެ ކޮމްޕިއުޓަރާއި އިންޓަނެޓް ފަނޑިޔާރު އަލީ ރަޝީދު ބޭނުންކުރެއްވި ކަމަށް ބުނާ މައްސަލައެއްވެސް އަމިއްލަ ފަރާތަކުން ވަނީ ޖޭއެސްސީއަށް ހުށަހަޅާފަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީން އަދި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.
ފަނޑިޔާރު އަލީ ރަޝީދުގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމާފައިވާއިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ފަނޑިޔާރު މަހާޒު އަލީގެ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އެ ދެ ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރުކޮށް ބަޔާންވެސް ދަނީ ނަގަމުންނެވެ.
