އިންޑިއާގެ ޖީޑީޕީ 10 އަހަރުތެރޭ ދެގުނަވެ، 2025 ގައި ޖަޕާން އަދި 2027 ގައި ޖަރުމަނު ފަހަނައަޅާދާނެ: ރިޕޯޓު
އިންޑިއާގެ އިޤްތިޞާދު ހަލުވި ދުވެލީގައި ކުރިއަރަމުންދާކަމަށް އައު ރިޕޯޓަކުން ދައްކައިފިއެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 10 އަހަރުތެރޭގައި އިންޑިއާގެ ޖުމްލަ ޤައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ދެގުނަ އިތުރުވެފައިވެއެވެ.
މަނީކޮންޓްރޯލް ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން، 2014 ގައި 2 ޓްރިލިއަން ޑޮލަރުގައި ހުރި އިންޑިއާގެ ޖީޑީޕީ، 2023 ގައި 3.7 ޓްރިލިއަން ޑޮލަރަށް އަރާފައިވެއެވެ. އަދި މިހާރުގެ ކުރިއެރުމުގެ ރޭޓުގައި ދަމަހައްޓައިފިނަމަ، 2025 ވަނަ އަހަރު އިންޑިއާގެ އިޤްތި އިޤްތިޞާދު ޖަޕާނުގެ އިޤްތިޞާދަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރާ ހަމައަށް އިންޑިއާގެ އިޤްތިޞާދު ޖަރުމަނުގެ އިޤްތިޞާދަށްވުރެވެސް ބޮޑުވެ، ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވެގެންދާނެކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
އިންޑިއާގެ މި ހަލުވި އިޤްތިޞާދީ ކުރިއެރުމަކީ އެ ޤައުމުގެ އާބާދީގެ ބޮޑު ބައެއް ޒުވާނުންނަށްވުމާއި، ޓެކްނޮލޮޖީ ދާއިރާގައި ކުރަމުންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓާ ގުޅޭގޮތުން އިންޑިއާގެ ފައިނޭންސް މިނިސްޓަރ ނިރްމަލާ ސީތާރާމަން ވިދާޅުވެފައިވަނީ، މި ކުރިއެރުމަކީ އިންޑިއާގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ކާމިޔާބީގެ ހެއްކެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
