ކޯވިޑް19: 68 އަހަރުގެ ދިގު ރަނިކަމުގައި ރައްޔިތުންނާއި 4 ވަނަ ފަހަރަށް ރާނީ މުހާތަބު ކުރައްވައިފި
68 އަހަރުގެ ދިގު ވެރިކަމުގައި އިނގިރޭސި ރާނީ 4 ވަނަ ފަހަރަށް ރައްޔިތުންނާއި މުހާތަބުކުރައްވައިފިއެވެ. އާދިއްތަ ދުވަހު ޓީވީ މެދުވެރިކުރައްވައި ހިތޯބު ދެއްވާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.
ރާނީގެ ހިތޯބުގައި ވަނީ މި ބަލިމަޑުކަމުގެ ވަގުތުގައި ރައްޔިތުން އެއްބައިވެތިބުމަށް ގޮވާލައްވާފައެވެ. އަދި އެންމެން ގުޅިގެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން ރާނީ ދެއްވިއެވެ. އޭރުން ކުރިއަށް އޮތް އަހަރުތަކުގައި އަމިއްލަ ނަފްސު އެކަމަށްޓަކައި ފަހުރުވެރިވާނެކަން ވެސް ރާނީ ފާހަގަކުރައްވާފައިވެއެވެ.
ވިންޑްސޯ ކާސަލް ގައި ހުރެ ރާނީ ދެއްވި ހިތާބަކީ ރެކޯޑުކޮށްގެން ފޮނުވި ހިތޯބެކެވެ. ރާނީގެ ވާހަކަަފުޅުގައި ވަނީ ސިއްހީ ހިދުމަތްތެރިންގެ އަގު ވެސް ވަޒަން ކުރައްވާފައެވެ. އަދި މި ބަލިމަޑުކަމުގެ ވަގުތުގައި އެންމެ ހަނދާންވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުކަމުގައި ވެސް ރާނީ ވިދާޅުވެފައިވެއެވެ.
ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސް ވެސް ވަނީ ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޖުމްލަ 47,806 ކޭސްވަނީ އިނގިރޭސިވިލާތުގައި ރިޕޯޓުކޮށްފައެވެ. އަދި 4,934 މީހަކުވަނީ ބަލިޖެހިގެން މަރުވެފައެވެ.
ކޮރޯނާ ވައިރަސް ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު ބަލި ޖެހުނު މީހުންގެ އަދަދުވަނީ 1,269,299 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 69,346 އަށް އަރާފައެވެ.