ބޭރު ދުނިޔެ

ކޮވިޑް19: އައިރިޝް ބޮޑުވަޒީރު އަނބުރާ ޑޮކްޓަރެއްގެ ވަޒީފާއަށް ، ބޭނުންވަނީ ވީހާ ވެސް ގިނަ ބަޔަކަށް ފަރުވާ ދޭން

ދެން އެމްވީ

އައިރިޝް ބޮޑު ވަޒީރު ލިއޯ ވަރަޑްކާރް އަނބުރާ ޑޮކްޓަރެއްގެ ގޮތުގައި ރެޖިސްޓަރ ވެއްޖެއެވެ. އޭނާ އަލުން ޑޮކްޓަރަކަށް ވުމަށް ރެޖިސްޓްރީވެފައިމިވަނީ ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުނަށް ފަރުވާ ދިނުމަށްޓަކައެވެ. އަދި ކޮންމެ ހަފްތާއަކު ވެސް ހޮސްޕިޓަލުގައި އެއް ޝިފްޓު އޭނާ ނަގާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑު ވަޒީރުކަމާއި ހަވާލުވުމުގެ ކުރިން އޭނާ ވަނީ 7 އަހަރުވަންދެން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ބޮޑު ވަޒީރު އަލުން ޑޮކްޓަރެއްގެ ވަޒީފާއަށް ނުކުތީ ވައިރަސް ޖެހިފައިތިބި ވީހާ ވެސް ގިނަ ބަޔަކަށް ފަރުވާދިނުމަށް ކަމުގައި ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވެއެވެ. އަދި ބޮޑު ވަޒީރުގެ ގާތް ގިނަ މީހުންނަކީ މިދާއިރާގައި މަސައްކަތް ކުރާ މީހުން ކަމަށާއި އެމީހުންގެ ބުރަ މަސައްކަތަށް ކުޑަ ނަމަވެސް އެހީއެއް ވެދިނުމަށް އޭނާ ބޭނުންވާ ކަމަށް ވެސް އެއޮފީހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަހުގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރިގެންދިއުމާއެކު ގިނަ ގައުމުތަކުގައި ވަނީ އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތެރިން ނުލިބިފައެވެ. އޭގެ ސަބަބުން ރިޓަޔަރ ވެފަ ތިބި ސިއްހީ ހިދުމަތްތެރިން ދަރުމަވެރިވުމަށް ވެސް ގިނަ ގައުމު ތަކަކުން އަންނަނީ ގޮވާލަމުންނެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޖުމްލަ 4,994 ކޭސްވަނީ އަޔަލޭންޑުގައި ރިޕޯޓުކޮށްފައެވެ. އަދި 158 މީހަކުވަނީ ބަލިޖެހިގެން މަރުވެފައެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު ބަލި ޖެހުނު މީހުންގެ އަދަދުވަނީ 1,269,299 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 69,346 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!