ޚަބަރު

މިހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެތޯ ސުވާލު އުފެދޭ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް ބަދަލުނުގެނެވޭނެ ކަމަށް އެގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

Ads by Sosun Fihaara

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލުތަކަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރުވެސް އައު ކައުންސިލްތައް އިންތިޚާބުކުރުމަށް ނަގަންޖެހޭ ވޯޓު ނުބޭއްވޭތީ ޤާނޫނު އަސާސީއަށް އިޞްލާޙެއް ގެނައުމަށް އެޓާނީ ޖެނަރަލްގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާތީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މިހާރު ދިވެހިރާއްޖެއަށް މެދުވެރިވެފައިމިވަނީވެސް ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށާއި މިއީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއް ކަމަށެވެ.

ކުއްލި ހާލުގެ ދަށުން ރައީސްއަށް ބާރުތަކެއް ހިފެހެއްޓޭކަމަށާއި، އެހެން ނަމަވެސް ރައިސް އެފަދަ އެއްވެސް ބާރެއް ހިފަހައްޓާފައި ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީ އިޞްލާޙުކޮށްގެން ނުވާނެ ކަމުގައި ޤާނޫނު އަސާސީގައި އޮންނަ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކުއްލި ނުރައްކަލަކީ ޙާލަތެއްކަން ޤާނޫނު އަސާސީ ކިޔާލުމުން ސާފުކޮށް އެނގޭ ކަމުގައެވެ.

"އެއީ މީހަކު ބަޔާންކުރިޔަސް ނުކުރިޔަސް ޤުދުރަތީ ރޭވުމެއްކަން. ނުވަތަ ދިމާވެފައި އޮތް ކަމެއްކަން. އެއީ ޙާލަތެއް. މިސާލަކަށް ވައިގެ ތެތްކަން. ނުވަތަ މުށިމަސް އައިނެއް ވަދެފައި އޮތުން. އެއީ ޙާލަތެއް. އެ ޙާލަތް އެއޮތީ ދިމާއަށް ފެންނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށް ކުއްލި ނުރައްކަލުގެ ޙާލަތެއް އޮތްކަމަށް ނުވަތަ ނެތް ކަމަށް ނިންމާނީ އެ ޙާލަތު އޮތް ކަމަށް ބުނާ ބުނުމެއްގެ މައްޗަށް ނޫން ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!