ޚަބަރު

ފިލިޕިންސްގައި ޒަހަމްވި ދަރިވަރުގެ ބައްޕައާ ގުޅުއްވައި ފޮރިން މިނިސްޓަރު ހާލު ބައްލަވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް/ ފޮޓޯ: މިނިސްޓްރީ

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރު، ޢަބުދުލް މާނިޢުގެ ބައްޕަ، އާމިރުއާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ގުޅުއްވައި ދަރިވަރުގެ ހާލު ބައްލަވައިފި އެވެ.

Ads by STELCO

ބުރަފަތީގައި ޖެހި ދަރިވަރު އަނިޔާވީ އިއްޔެ އެވެ. "ދެން"އަށް އެނގިފައިވާ ގޮތުން އެ ހާދިސާގައި ދަރިވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

ފޮރިން މިނިސްޓަރު މިރޭ އެކްސްގައި ވިދާޅުވީ މާނިއުގެ ހާލު މާތްﷲގެ ވާގިފުޅާއެކު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތު ދިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރިވަރުގެ މަންމައާއި ބޭބެ ވެސް މިހާރު ފިލިޕީންސް އަށް ގޮސްފައިވާ ކަމަށެވެ. 

"ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅުއްވާ ދަރިފުޅުގެ ހާލު އޮޅުންފިލުއްވިކަމަށާއި, ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާކަމަށް ވިދާޅުވި. އަދި ފިލިޕީންސް ގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް [އާއިލާއިން] ވިދާޅުވި." މިނިސްޓަރު ވިދާޅުވި އެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް  ސަރުކާރުން  ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުންދާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.