ޚަބަރު

ކުރީގެ އުއްތަމަ ފަނޑިޔާރުގެ ރައްދު ނަޝީދަށް: މިއީ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

މިހާރު މިއޮތީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ދުސްތޫރީބާރުގެ ދަށުން އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މަޖިލީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު ނަޝީދު މިއަދު ވަނީ ސުވާލު އުފައްދަވާފައެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އަށް ބަދަލު ނުގެނެވޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ، މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ

މިކަމަށް ރައްދު ދެއްވައި ފާއިޒް ވިދާޅުވީ ޤާނޫނު އަސާސީގެ 267 ވަނަ މާއްދާގައި ބުނާ ހާލަތަކީ އެޤާނޫނު އަސާސީގެ 253 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށެވެ. ނަމަވެސް އާއްމު ސިއްހަތް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްހެލްތު އިއުލާނު ކުަރައްވާފައިވާ ހާލަތަކީ ޤާނޫނު އަސާސީގެ 267 ވަނަ މާއްދާގައި އެބުނާ ހާލަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޤާނޫނު އަސާސީ ބުނާގޮތުން، ބަލިމަޑުކަމެއް ފެތުރިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް ކުއްލިނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވޭނެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެފަދަ ހާލަތެއް އަދި އިއުލާނު ކުރައްވާފައިނުވެއެވެ." ފާއިޒް ވިދާޅުވިއެވެ.

ރާއްޖޭ ބަންޑާރުނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާ ކަމަށާއި އެހެންކަމުން ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!