މިފްކޯއިން ކުރިއަށް ގެންދާ ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއަށް ޕްރޮކިއުމަންޓް ސްޕެޝަލިސްޓަކު ހޯދަނީ

މިފްކޯއިން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް(އައިއެސްޑީބީ)އާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއަށް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28އާ ހަމައަށް ހުޅުވާލައިފައިވާ އިރު ކުރިމަތިލުމުގެ ޝަތުރުތަކުގެ ތެރޭގައި ބެޗެލާސް ޑިގްރީއެއް އޮތުމާއެކު 10 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.
އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އައިއެސްޑީބީގެ ގައިޑްލައިންތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޕްރޮކިއުމަންޓްއާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުން ހިމެނެ އެވެ.
70.42 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗާ އޮޕަރޭޝަންސް އަދި އިންސްޓްޓިއުޝަނަލް ކެޕޭސިޓީ ފުޅާ ދާއިރާއެއްގައި އަޕްގްރޭޑްކުރުމެވެ.
އެ މަޝްރޫއުގެ ދަށުން ހއ. އިހަވަންދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ސްޓޯރޭޖެއް ގާއިމުކުރާނެ އެވެ. އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ސްޓޯރޭޖެއް ތަރައްގީކުރާނެ އެވެ.
އަދި ކަނޑުއޮށްގިރީގެ ޕަވަ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓެއް ނުވަތަ ކޭނަރީ ފެސިލިޓީއެއް ވެސް އަޅާނެ އެވެ، އެހެންނަމަވެސް އެ ކުންފުނިން ކަނޑުއޮށްގިރި މިހާރު ދޫކޮށްލާފައިވުމާ އެކު، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވަނީ ހުޅުމާލޭގައި ކަމަށް މިފްކޯއިން ބުންޏެވެ.
ޕްރޮޖެކްޓުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ފެލިވަރުގައި 250 ޔުނިޓު އަދި ކޫއްޑޫގައި 100 ޔުނިޓު އިމާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.