ޚަބަރު

ވަކި ބަޔަކަށް ޓިކެޓު ދިނުމުގެ ވިސްނުމެއް ނެތް: މޯލްޑިވިއަން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގައި މޯލްޑިވިއަން އިން ވަކި ބަޔަކަށް ޓިކެޓު ދިނުމުގެ އުސޫލެއް ނުގެންގުޅޭ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަން އިން މިހާރު ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކަކީ ގައުމުން ބޭރުގައި ތިބި ދިވެހިން ގެނެސްދިނުމަށް ސަރުކާރުން އެދުމުން ކުރާ ދަތުރުތަކެއް ކަމަށެވެ.

އަދި މި ދަތުރުތަކުގައި ރާއްޖެ އަށް މީހުން ގެނައުމުގައި ބަލާނީ ބޭސްފަރުވާ ފަދަ ކަންކަމަށް އެގައުމުތަކަށް ގޮސްފައި ތިބި މީހުންގެ ތެރެއިން އެގައުމުތަކުގައި ތާށިވެފައި ތިބި މީހުންނަށް ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވާ ކަމަށާއި މީހުން ގެނައުމުގައި އޮތީ އެ އުސޫލު ކަމަށް ގަބޫލުކުރެވޭ ކަމަށް މޫސަ ވިދާޅުވިއެވެ.

"ވަކި މީހަކު ގެންނާކަށް، ވަކި ބަޔަކު ގެންނާކަށް މޯލްޑިވިއަންގެ ފަރާތުން އެއްވެސް އުސޫލެއް ނުގެންގުޅޭ" މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއައުންވަނީ ސްރީލަންކާގައި ތިބި 100 ދިވެހިންވެސް އިއްޔެ ގެނެސްފައެވެ. ސްރީލަންކާއަށް ހުޅުވާލި ފުރުސަތުގައިވެސް ހާހަކަށްވުރެ ގިނަ މީހުން އަންނަ ބޭނުންވެގެން އެދުނެވެ. އަދި ސަރުކާރުން އެދެމުންދާވަރަކަށް އިތުރު ފްލައިޓްތައް ބާއްވާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މީގެ އިތުރުން މެލޭޝިއާގައި ނާދެވިތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން ބުދަ ދުވަހު ޚާއްސަ ދަތުރެއް ކުރަން ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ރާއްޖެ އަންނަން ބޭނުންވާ މީހުން ޓިކެޓް ގަތުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މިދަތުރު ކުރަނީ 200 މީހުންގެ ޖާގައިގެ ފްލައިޓެއްގައެވެ. މޯލްޑިވިއަންއިން ބުނެފައިވަނީ މިދަތުރުގެ ޓިކެޓް ވިއްކަނީ ސީޓަކަށް 330 ޑޮލަަރަށްކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!