އެސްޖޭ ކުންފުންޏަށް ބަދަލުދިނުމުގެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަނީ
މާލޭގެ ޒިކުރާ މިސްކިތް ތަޅާލައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެ އެއްބަސްވުން ބާތިލް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން ދައުވާ ކުރި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ދެ ފަރާތުން އެއްބަސްވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާ އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް އެދި ހުށަހަޅާފައެވެ. އަދި އެކަން އެސްޖޭ ކުންފުނިން ވެސް ވަނީ ގަބޫލުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް އެއްބަސްވީ އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންޓްރަކްޝަނާ އެކު ދެ ގަޑިއިރު ވަންދެން ބޭއްވި ބައްދަލުވުމުގައެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރުމަށެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހިންގާ އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާއެވެ. އެ ކުންފުންނަށް އިކުއިޓީގެ ގޮތުގައި ދޭން ނިންމި 30 މިލިއަން ރުފިޔާ ކުރީގެ ސަރުކާރުން ވަނީ ދީފައެވެ.