ކާފިއުގެ ވަގުތު މަގުމަތީ އުޅޭ މީހުންގެ އަދަދު އިތުރުވަނީ، މިއަދު ވެސް އެކަކު ޖޫރިމަނާ ކޮށްފި
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން މާލޭ ސަރަހައްދުގައި އިއުލާނުކުރި ކާފިއުގެ ވަގުތުގައި އިއްޔެއަށްވުރެ މިއަދު މަގުމަތީގައި އުޅުނުމީހުންގެ އަދަދު އިތުރުވެއްޖެއެވެ.
ކާފިއުގެ ވަގުތު މާލޭ ސިޓީގެ މަގުމަތިން 139 މީހަކަށް އިއްޔެ ވަނީ ނަސޭހަތް ދީފައެވެ. ނަމަވެސް މިއަދު 183 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހިމެނެނީ 150 ދިވެހިންނާއި 33 ބިދޭސީންކަމަށް ފުލުހުން ބުނެއެވެ.
އޭގެ ތެރޭގައި ހަ މީހަކަށް ދެ ފަހަރަށް ނަސޭހަތް ދީފައިވާއިރު، އެކަކު ޖޫރިމަނާކޮށްފައި ވެ އެވެ. ކާފިއު ވަގުތުގައި ބޭރުތެރޭގައި އުޅޭ މީހުން ޖޫރިމަނާއާ ހަމަ އަށް ދަނީ ދެ ފަހަރަށް ނަސޭހަތްދީ، އަދި އިންޒާރަށް ފަހު ފުލުހުންގެ ރެކޯޑަށް ބަލައިފަ އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.
އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.