ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ވުމަކީ ބޮޑު ތަސައްވުރެއް: ރައީސް

ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުމީ އެމަނިކުފާނުގެ ދުރު ރާސްތާގެ ތަސައްވުރެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ހާއްސަ ކުރައްވައިގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް، ތިން ބައިކުޅަ އެއްބައި ހިއްސާކުރާ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން އެމަނިކުފާނާ ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ، ޒުވާން ޖީލަށް އުންމީދު އާކޮށްދެނިވި ގިނަ ވާހަކަފުޅުތަކެއް ހިއްސާކުރައްވާފައެވެ.
ޒުވާނުންނަށް ޓަކައި ކުރި މަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ، ޑިޖިޓަލް އިގުތިސޯދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެ ކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ހިއްސާ ވެސް އޮތުން ކަމުގައި ރައީސް ވިދާޅުވި އެވެ.
އަދި، މިހާރު ވެސް ޒުވާނުން އެ ދާއިރާގައި އަދާކުރާ ދައުރު ބޮޑު ކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުން ވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރޮނގުން ކުރިއަރާ ދާއިރު، ދިވެހި ކޮންމެ ޒުވާނަކީ، ދިވެހިވަންތަ، ފަޚްރުވެރި، އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރާ ދިއުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
އެ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދެއްވިއިރު، އަދުގެ ޒުވާން ޖީލުގެ ބަސްމަގާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށް ރައީސް ފަރިތަވެވަޑައިގެންފައިވާ މިންވަރު ވަޒަންކޮށްލުމުގެ ގޮތުން، ލުއި ސެގްމަންޓްތަކެއްވެސް މި ޕޮޑްކާސްޓުގައި ހިމަނުއްވާފައިވެ އެވެ.
