އެޗްޑީސީގެ ބޯޑުން ވަކިކުރި ވަހީދު އެމްޕީއެލްގެ ބޯޑަށް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މި މަހު ވަކިކުރި ހއ. ފިއްލަދޫ، މަބުސްތާނުގެ، މުހައްމަދު ވަހީދު އެމްޕީއެލްގެ ބޯޑަށް އައްޔަނުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އެކްސްގައި ބުނީ ވަހީދު މިއަދު އެމްޕީއެލްގެ ބޯޑަށް އައްޔަނުކޮށްފައިވާ ކަމަށެވެ.
ވަހީދުއާއި އެކު އެމްޕީއެލްގެ ބޯޑުގައި ފަސް ބޭފުޅަކު ތިއްބަވާއިރު އެމްޕީއެލްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ އައިމިނަތު ހަމީދު އެވެ. ދެން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އެމްޕީއެލްގެ ސީއީއޯ ރިޓަޔާޑް މުހައްމަދު ރިޝްވާންއާއި އަހުމަދު އިލްޔާސް، އަހުމަދު ނިޔާޒް އަދި އަހުމަދު ފަހީމް އެވެ.
ވަހީދު އެޗްޑީީސީގެ ބޯޑުން ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ. ނަމަވެސް "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ މިދިޔަ ޑިސެމްބަރު މަހު ޕީސީބީން އެޗްޑީސީގެ ބޯޑުގެ ހުރިހާ މެމްބަރުން ސަސްޕެންޑްކުރި އިރު އޭގެ ތެރޭގައި ވަހީދުވެސް ހިމެނެ އެވެ.
