ފުރާޅަށް ވެއްޓުނު އަންހެން ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ މުޒާހަރާ ކުރަން ފަށައިފި

މާލޭގެ ހޭންވޭރުގައި ހުރި ގެއެއްގެ ފުރާޅަށް ވެއްޓުނު އަންހެން ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ މިރޭ އިހުތިޖާޖު ކުރަން ފަށައިފި އެވެ.
އާންމުންގެ ބަޔަކު އިހުތިޖާޖު ކުރަމުން ދަނީ މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގަ އެވެ. އިހުތިޖާޖުގެ ބައިވެރިން ތިބީ އެ ތަނުން ދަތުރުނުކުރެވޭ ގޮތަށް މަގު ވެސް ބަންދުކޮށްގެނެވެ.
ރޭ ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ކެމެރާއާއި ފޯނު ވެސް ނުވެއްދޭ ގޮތަށް ބޭއްވި އެ ބައްދަލުވުމުގައި ސީސީޓީވީ ފުޓޭޖުތަކެއް ވެސް ފުލުހުން ދެއްކި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ބުންޏެވެ.
ރޭގެ އެ ބައްދަލުވުމުގައި ފުލުހުން ވަނީ އަންހެން ޒުވާނާއާއި އޭނާއާއެކު އުޅުނު ފިރިހެން މީހާ ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނެފަ އެވެ. ފިރިހެން ޒުވާނާގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
އެ އިމާރާތުން ޒުވާނާ ވެއްޓުނީ ފެންލައިޓުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ އިމާރާތަށް ދެ ޒުވާނުން ދިއުމުގެ ކުރިން މާލޭގެ މައްޗަންގޯޅީގައި ހުރި ގެއަކާއި ފަހުން ވަން އިމާރާތާ ކައިރީ ހުރި އެހެން ގެއަކަށް ވެސް މި ޒުވާނުން ގޮސްފައިވެ އެވެ.
ފުލުހުން ދީފައިވާ މައުލޫމާތު:
- މާލޭގެ މެދުތެރޭގެ ސަރަހައްދެއްގައި ހުންނަ ގެއަށް ވަދެފައި ވަނީ މެންދަމު 12:30 އެހައިކަންހާއިރު
- އިސްވެދެންނެވި ގެއިން ނުކުމެފައިވަނީ ފަތިހު 3:40 އެހައިކަންހާއިރު
- އޭގެ ތެރެއިން 4 މީހަކު، ހެންވޭރު އަމީނީމަގު ގައި ހުންނަ ގެއަކަށް ވަދެފައި ވަނީ 4:00 އެހައިކަންހާއިރު. އެ ގެއިން ނުކުމެފައި ވަނީ އޭގެ 10 ވަރަކަށް މިނިޓް ފަހުން.
- އެއަށްފަހު، ވެއްޓުނު އަންހެން މީހާއާއި އިތުރު ފިރިހެނަކު ގޮސްފައިވަނީ އެ ހާދިސާ ހިނގި ގެއަށް
މި މައްސަލާގައި ބޮޑެތި ތުހުމަތުތައްކޮށް، ސޯޝަލް މީޑިއާގައި ދަނީ އެކި ވާހަކަތައް ދެކެވެމުންނެވެ.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވެސް މައްސަލަ ހޫނުވެފައިވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ގައިރު ގާނޫނީ ކަންކަން ހިނގާފައިވާ ކަމަށް ފެންނަން އޮތް އިރު އެ ކަން ފުލުހުން ތަހުގީގު ކުރަން ނޫޅޭ ކަމާއި އެހެން މައްސަލަތަކާ ތަފާތުކުރުންތަކެއް ފާހަގަވާތީ އެވެ.
މި މައްސަލައާއި ސިޔާސީ ބާރުގަދަ ބައެއް މީހުންގެ އާއިލާތަކާ ވެސް ދަނީ ގުޅުވަމުންނެވެ.
