ޚަބަރު

ވަގުތީ ކޮމިޝަނަރުކަން ފަރުހާދު އަތުން ނަގައި ނަވީނަށް ދީފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ މިރޭ ހަވާލުކުރުމަށް ފަހު ގަޑިއިރެއްވީ ތަނާ ފަރުހާދު އަތުން މަސްއޫލިއްޔަތު ނެގުމަށް ފަހު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ހަމަޖައްސައިފި އެވެ.

Ads by MPL

ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަލީ ޝުޖާއު މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމުންނެވެ.

ސީޕީގެ މަސްއޫލިއްޔަތުތައް ފަރުހާދާ ހަވާލުކުރެއްވި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ލިޔުއްވީ މިރޭ 7:46 ގަ އެވެ. ނަމަވެސް 8:46ގައި އިހުސާން ޕޯސްޓްކުރެއްވީ ނަވީނަށް މިހާރު ސީޕީގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވާ ކަމަށެވެ.

އިހުސާން ލިއުއްވި ގޮތުގައި ނަވީނަށް ސީޕީގެ މަސްއޫލިއްޔަތު ހަވާލުކުރެއްވުމަށް ނިންމެވި ސަބަބަކީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގުގެ މަސައްކަތަކީ ފުލުސް އޮފީހުން މި ވަގުތު ކުރަމުންދާ އެންމެ ބޮޑު ތަހުގީގަށް ވެފައި އެ ތަހުގީގުގައި އިސްކޮށް ހުންނެވީ ނަވީނަށް ވާތީ ކަމަށެވެ.

ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވި ސަބަބު ސާފުނުވި ނަމަވެސް، އިސްތިއުފާ މިދެއްވީ އިސްތިއުފާއަށް ގޮވާލާ އަޑުތައް ގަދަވެފައިވަނިކޮށެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން އަމާޒުވެފައިވާ ބޮޑެތި ފާޑުކިޔުންތަކާ އެކީ އެވެ.

ކޮންމެ ރެއަކު އެ އަންހެން މީހާއަށް އިންސާފު ހޯދުމަށް ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އިމާރާތް ކުރިމަތީގައި ޒުވާނުންތަކެއް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ޝުޖާއުގެ އިތުރުން ޓްރާންްސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ވެސް އެ މުޒާހަރާތަކުގައި ދަނީ ގޮވާލަމުންނެވެ.

ހައްވާ ޔުމްނު ރަޝީދު، 21އ، ވެއްޓުމުގެ ކުރިއަށް އޭނާއާ އެކީ އުޅުނު ރައުދު އަހުމަދު ޒަލީލާ އެކު އެ ރޭ އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔަ އެވެ. އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތު އޮތް ނަމަވެސް އެ ކަން ރަނގަޅަށް ތަހުގީގުނުކުރާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އަމީންގެ އިސްތިއުފާއަށް ގޮވާލަމުންދަނީ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް އަމީން ވިދާޅުވެފައިވަނީ ޕާޓީ އޮތް އެޕާޓްމަންޓަކީ އޭނާގެ އާއިލީ ގޭގެ ތަނަކަށް ވީ ނަމަވެސް އެއީ އޭނާއާ ސީދާ ގުޅުމެއް އޮތް ތަނެއް ނޫން ކަމަށެވެ. ހާދިސާގެ މައުލޫމާތު ވެސް އެނގުނީ ހުކުރު ދުވަހުގެ ހަވީރު ނޫސްތަކުން ރިޕޯޓްކުރި ފަހުން ކަމަށާއި ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

Ads by HDC