ކަޝްމީރުގެ ހަމަލާއާ ގުޅިގެން އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އަޅައިފި

ކަޝްމީރުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއާ ޕާކިސްތާ ގުޅުވުމަށް ފަހު އިންޑިއާ އިން ޕާކިސްތާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާނުން ހިތްވަރުދޭ ކަމަށް އިންޑިއާއިން އަބަދުވެސް ކުރާ ތުހުމަތު ތަކުރާރުކުރުމަށް ފަހު އިންޑިއާއިން ވަނީ ފެނުގެ ވަސީލަތްތައް ހިއްސާކުރުމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައި ބޯޑަރު ހުރަސްކޮށް ދެ ގައުމުގެ މެދުގައި ދަތުރުކުރާ މައި މަގު ވެސް ބަންދުކޮށް އިތުރު ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއްޔެ އިއުލާނުކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި 1960 ވަނަ އަހަރު ސޮއިކޮށްފައިވާ، ހިމާލަޔާ ސަރަހައްދުގައި ފެނުގެ ވަސީލަތްތައް ހިއްސާކުރުމުގެ މުހިންމު އެއްބަސްވުން ސަސްޕެންޑްކުރުން ހިމެނޭއިރު މިސްރީ ވިދާޅުވީ އެއްބަސްވުމަށް އަލުން އަމަލުކުރަން ފަށާނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތައް ޕާކިސްތާނުން އެކަށީގެންވާ ގޮތެއްގައި ކުށްވެރިކޮށް އެ ކަންކަމަށް ދެކޮޅުހެދުމުން ކަމަށެވެ.
މީގެ އިތުރުން އިންޑިއާގައި ތިބި ޕާކިސްތާނުގެ ބައެއް ޑިޕްލޮމެޓުން ފޮނުވާލުމާއި ޕާކިސްތާނުން އިންޑިއާގެ ޑިޕްލޮމޭޓުން މަދުކުރުން ވެސް ހިމެނެ އެވެ.
އިންޑިއާގެ ތުހުމަތަށް ޕާކިސްތާނުން އިންކާރުކުރުމަށް ފަހު ޕާކިސްތާނުގެ ޑެޕިއުޓީ މިނިސްޓަރު އިސްހާގު ދާރް ވަނީ ރައްދުގައި ޕާކިސްތާނުން ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ ނުތަނަވަސް ގުޅުން ހޯމަ ދުވަހުގެ ހަމަލާއަށް ފަހު މިހާރު ވަނީ ފަހުގެ ތާރީހެއްގައި ނުވާހާ ބޮޑަށް އަނެއްކާވެސް ގޯސްވެފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނުން ވެސް މިލްކުވެރިކަމަށް ދައުވާކުރާ ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލްކުރާ ފަޅީގައި، ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާތަކުގައި 26 ފިރިހެނުން މަރާލާފައި ވާއިރު އެންމެ މީހަކު ފިޔަވައި އެންމެންނަކީ ވެސް އިންޑިއާ މީހުންނެވެ. ދެން ހިމެނެނީ ނޭޕާލް މީހެކެވެ.
ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސަރަހައްދެއްގައި ދިން މި ހަމަލާ އަކީ އެ ސަރަހައްދުގައި ހަނގުރާމަވެރިން މީގެ ކުރިން ދީ އުޅޭ އާދައިގެ ހަމަލާތަކާ ތަފާތު ހަމަލާއެކެވެ. އަދި މިއީ އާންމުންނަށް ހަމަލާތައް އަމާޒުކުރި މި ބާވަތުގެ ފުރަތަމަ ހަމަލާ އެވެ.