ހިލޭ އަންހެނަކަށް "ހޭ ބިއުޓިފުލް ލޭޑީ" އޭ ކިޔާ ގޮވުމަކީ ކޮންކަހަލަ ކަމެއް؟
މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. އެކަކު އަނެކަކާ ރަހުމަތްތެރިކަން އުފައްދައި، ވާހަކަދައްކާ އުޅުން މި ވަނީ އިނގިލި ކުރިން ކޮށްލެވޭހާ ފަސޭހަކަމަކަށް ވެފައެވެ.
ފޭސްބުކާއި ތަފާތު އެކި އެކި މީސް މީޑިއާގެ މަންސަތަކުގެ ތެރެއިން އެކަކު އަނެކަކާ ވާހަކަ ދެއްކުމަކީ ގިނަ ބަޔަކު މިހާރު ކުރާ ހިތްވާ ކަމެކެވެ. ހާއްސަކޮށް ފިރިހެނުން އަންހެނުންނަށެވެ. ތަފާތު އެކި އެކި މެސެޖުތަކެވެ. ރީތި ކަމަށް ތައުރީފު ކޮށް ފަށުވި ބަސްތަކުން އަމުނާ ލެވިފައިވާ މެސެޖުތަކެވެ.
ފޭކް އައިޑީތައް ހަދައިގެން ޗެޓު ކުރަން މަސައްކަތް ކުރާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް ނޭނގި ނަމަވެސް މި ކުރެވެނީ ކޮން ކަހަލަ ކަމެއްތޯ ގިނަ ބަޔަކަށް ވިސްނާ ނުލެވެއެވެ.
ވައިބާ މެދުވެރިކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދޭ ގުރޫޕެެއް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ މިގޮތަށް ހިލޭ އަންހެނުންނަށް ތަފާތު ނަންނަމުން ގޮވައި މުހާތަބު ކުރުމަކީ ކޮންކަހަލަ ކަމެއްކަން ބުނެ ދެއްވާފައެވެ.
އަނތްބަކު ހުއްޓާ ހިލޭ އަންހެނަކާ ދިމާލަށް ބިއުޓިފުލް ލޭޑީ އޭ މެސެޖު ކުރުމަކީ ހުއްދަ ކަމެއްތޯ ކަމެއް އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ އެއީ ހަރާމް ކަމެއް ކަަމަށެވެ.
" އަނތްބަކު ނެތް ނަމަވެސް ހިލޭ އަންހެނުންނަށް އެ ފާޑުގެ މެސެޖު ކޮށް ހެދުމަކީ ހަރާމް ކަމެއް" ޑރ. އިޔާޒްގެ ޖަވާބުގައި ވިދާޅުވިއެވެ.
އަނބިމީހާ ހިލޭ ފިރިހެނުންނާ ވާހަކަ ދެއްކުން މަނާކުރަން ފިރިމީހާއަށް ވާޖިބުވާނެއެވެ. ފިރިމީހާ އެކަން މަނާ ކުރިޔަސް ނުކުރިޔަސް އަންހެނުން ހިލޭ ފިރިހެނުންނާ ވާހަކަ ދެއްކުމަކީ ޙަރާމް ކަމެކެވެ. ވަރިވުމާއި، ކައިވެނި ރޫޅުމާއި، ޒިނޭކުރުން ފަދަ ކަންކަން ފެށެނީ އެފަދަ ގުޅުންތަކުންނެވެ. އެކަން ޙަރާމްވުމުގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅެވެ.
لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ ، فَإِنَّ ثَالِثَهُمَا الشَّيْطَانُ-رواه أحمد (178) وصححه الألباني في “إرواء الغليل” (1813)
"ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކަހެރި ނުވާށެވެ. އެދެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ."
އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން ވާހަކަ ދެއްކޭ ވާހަކަ ދެއްކުމަކީ ވެސް އެކަހެރިވުމެކެވެ. ހަމަ މި ބީދައިން ފިރިމީހާ ހިލޭ އަންހެނުންނާ ވާހަކަ ދެއްކުން ވެސް ޙަރާމް ވެގެންވެއެވެ.