ރިޕޯޓް

ފައްސި ދިރިއުޅުމެއް ހޯދަން ނައްސިކޮށް ވިސްނާނަމަ އެ ދިރިއުޅުމެއް އައްސިވެ ނިމިދެއެވެ!

ދެން އެމްވީ ، ދެން އޮންލައިން

އިންސާނާ ދުނިޔެއަށް ފޮނުއްވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ. އޭނާ ދުނިޔެއަށް ފޮނުއްވަނީ އިމްތިހާނަކަށެވެ. މާއްދީ ދުނިޔޭގައި އެ އިންސާނާއަކީ ކުޑަދުވަސްކޮޅެއްގެ މެހެމާނެކެވެ. އޭނާގެ މަޤުސަދަކަށް ވާންވާނީ އޭނާގެ މާއްދީ ދުނިޔޭގެ އަވާގައި ނުޖެހި މާއްދިއްޔަތަށް ހެއްލިގެން ނުދިޔުމެވެ. މާއްދީ ދުނިޔޭގައި އޭނާ ތައްޔާރުވާން ވީ އަބަދަށް ދެމިގެންވާ ސުވަރުގެއިން ޖާގައެއް ކަށަވަރު ކުރުމަށެވެ. އޭނާގެ ދިރިއުޅުން ބައްޓަން ކުރަންޖެހޭނީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި ހަމަތަކުގެ މަތީގައެވެ. އޭނާ ހިނގަންވާނީ، ރަސޫލާ ދެއްކެވި ރިވެތި މިސާލުތަކުގެ މަތީގައެވެ.

Ads by Sosun Fihaara

މި މާއްދީ ދުނިޔެއަކީ ކެހިވެރި ޖަންގައްޔަކަށްވެސް ވެދެއެވެ. އަދި ހިތާމައިގެ ފެންކޯރަކަށްވެސް މި ދުނިޔެ ވެއެވެ. މާރީތި ނަލަނަލަ މާ އަޅާ، މީރު ހުވަނދުން ހިތްފުރާލަދޭ މާ ބަގީޗާއަކަށްވެސް މި ދުނިޔެވެއެވެ. އުފާވެރިކަމުގެ ކިއްލާއަކަށްވެސް ހަމަ މި ދުނިޔެ ވެދާނެއެވެ. މިއީ ބަލިމަޑުކަމުގެ ދާނަކަށްވެސް ވެދާނެއެވެ. އަދި ކިއެއްތަ މިއީ މަކަރުވެރިންގެ ރަސްކަމަށްވެސް ވެދާނެއެވެ. އަޅުގަނޑުމެންގެ ކާބަފައިން ބުނާތީ އަހަމުއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް ވެއެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައެއްގެ މިސާލަށެވެ.

ދުނިޔޭގެ މާއްދީ ޙަޔާތް ބަދަލުވެ ދަނީ އިންސާނާ ކުރަހާ ކުލަ ޖައްސާ ޕްލޭނަކާއި އެއްގޮތަކަށް ނޫނެވެ. އޭނާ ތަދުބީރު ކުރަހާ ޕްލޭން އަކާއި އެއްގޮތަކަށްވެސް ނޫނެވެ. އެހެނަސް ދުނިޔެ ހިނގަމުންދާނީ މި ދުނިޔެއާއި މުޅި ކާއިނާތުގެ ވެރި އިލާހު ، ކުޅަދުންވަންތަ ﷲގެ ނިޔާއާއި އެއްގޮތަށެވެ. އެކަލާންގެ ތަޤުދީރު ކުރެއްވި ގޮތަކަށެވެ. އިންސާނާއަށް އޮތީ ގަދައަޅާ މަސައްކަތް ކުރުމެވެ.

އައް ރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

" އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ ملائكة ން ވެއެވެ. اللَّه ގެ أمر ފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާންދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، الله، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ."

މި ދުނިޔޭގައި އިންސާނާއަށް ދިމާވާ ދަތި އުދަގުލާއި ތަކުލީފާއި، ހިތާމައާއި ހިތްދަތިކަމާއި، އުފާވެރިކަމާއި، ހުރިހާކަމަކީވެސް ކުޑަ ވަގުތުކޮޅެއްގެ މެހެމާނުންތަކެކެވެ. އެއްް ހާލަތުން އަނެއް ހާލަތަށް ކަންކަން ބަދަލުވާން ނަގަނީ ފިސާރި ކުޑަ ވަގުތުކޮޅެކެވެ. މިއަދު ރޮއި ހޭރި ލޮލުން ކަރުނަ އަޅާ އިންސާނާ މާދަމާ ފެންނާނީ އުފާވެރިކަމުގެ އަލިމޫނަކާއެކުގައެވެ. މިއަދު ހީ ސަމާސަ ކުރާ މީހުން މާދަމާ ކަރުނައިގެ ކޯރެއްގައި ފަތަފަތާވެސް އޮންނަން ޖެހިދާނެއެވެ.

މިއީ ދުނިޔެއެވެ. ފިލާވަޅުތަކުން ފުރިގެންވާ ދުނިޔެއެވެ. ޖަޒުބާތުތަކުން ފުރިގެންވާ ދުނިޔެއެވެ. މިހުރިހާ ކަންކަމުގެ ތެރެއިންވެސް އިންސާނާއާއި ބައްދަލުވާ ކޮންމެ ކަމެއްވެސް އިންސާނާ ދެކެން ޖެހޭނީ ވަރަށް ފައްސިކޮށެވެ. އެކަންކަމާއި ކުރިމަތިލާން ވާނީ ފިސާރި ފައްސިކޮށެވެ. އިމްތިހާނުގެ ވަގުތުތަކުގައި މީހާ ނައްސިވެ ޖަޒުބާތުވެއްޖެ ނަމަ މުޅި ދިރިއުޅުންވެސް ދެންދާނީ ނައްސިކޮށެވެ. އޭރުން އެ ދިރިއުޅުމެއް އައްސިވެ އިސާހިތަކު ނިމިދާނެއެވެ. ކެތްތެރިކަމާއެކު ދުނިޔެއާއި ކުރިމަތިލާށެވެ. ހިއްވަރުކުރާށެވެ. ކާމިޔާބީގެ އަސްލު މަންޒިލަކީ މާދަމާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!