އޯ ލެވެލް އިމްތިހާނުގެ ދުވަސްވަރުވުމުން އަޑުގަދަނުކޮށް މުޒާހަރާކުރަން އެޗްއާރުސީއެމުން އެދިއްޖެ

އޯ ލެވެލް އިމްތިހާނުގެ ދުވަސްވަރުވުމުން އަޑުގަދަނުކޮށް މުޒާހަރާކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިރޭ އެދިއްޖެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލައި، މިދިޔަ މަހުގެ 23ވަނަ ދުވަހުގެ ރެއިން ފެށިގެން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ އިންސާފަށް އަޑުއުފުލަން ކުރާ މަސައްކަތަކީ އެ ކޮމިޝަނުން ބަލައިގަންނަ ކަމެއް ކަމަށް އެންމެ ފުރަތަމަ ލިޔެފައިވެ އެވެ.
އެއީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާ، ރާއްޖޭން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މި ވާހަކަތަކަށް ފަހު، ކޮމިޝަނުގެ ބަޔާނުގައި ދެން ފާހަގަ ކުރާ ކަމަކީ އެ ހައްގުގެ ބޭނުން ކުރުމުގައި އެއް ބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް ޓަކައި މުހިންމު ކަމެއް ކަމަށެވެ.
އެހެންވެ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވާ މީހުންނާ އަދި އެ ސަރަހައްދުގައި ދިރިއުޅޭފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް މަސައްކަތްކުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފަައިވެ އެވެ.
"ހަމައެހެންމެ، މިދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިޙާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން އިލްތިމާސް ކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން މުޒާހަރާ ރޫޅާލުމުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ވެސް އެޗްއާރުސީއެމުން އިލްތިމާސްކޮށްފައިވެ އެވެ. މިފަދަ އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށްވެސް ކޮމިޝަނުން ފުލުހުންނަށް ގޮވާލާފައިވެ އެވެ.
ޒުވާނުން ކޮންމެ ރެއަކު ވެސް އެއްވަނީ މަޖީދީ މަގުގެ ހެންވޭރުކޮޅުން ފެށިގެން މަޖީދީ މަގުގެ ހެންވޭރުގައި ހުންނަ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ކުރިމައްޗަށެވެ. މަޖީދީ މަގަށް އެއްވެއްޖެނަމަ މުޒާހަރާ ރުޅާލާނެ ކަމަށް ފުލުހުން މިހާރު ވެސް އިންޒާރުދީފައިވާއިރު ރޭ ވެސް މުޒާހަރާ ރޫޅާލައި ދެ ޒުވާނަކު ހައްޔަރު ވެސް ކުރި އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ހޫނުވި ގޮތް:
މައްސަަލަ ހޫނުވީ ޔުމްނު ވެއްޓުނު ރޭ އޭގެ ކުރިން އޭނާ، މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި ހުންނަ އެޕާޓްމަންޓަކަށް ދިޔައިރު އެ ގޭގެ ނަމާއި ޕާޓީގައި ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު ފުލުހުން ހާމަނުކުރުމުންނެވެ. އަދި އެއިން މީހަކާ މެދު ފިޔަވަޅު ނޭޅުމުންނެވެ. މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބެލެވުނު ނަމަވެސް އެ ތަކެއްޗަށް ޓެސްޓްކުރަން ދެކޮޅު ހެދުމުން ވެސް ފިޔަވަޅެއް ނާޅަ އެވެ.
ފަހުން ޕާޓީގައި ތިބި މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން އާންމުކުރި އިރު އޭގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅުން އަދި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި ބޭފުޅެއް ހިމެނެ އެވެ.
ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނަނީ އެ ކަމާ ގުޅުވަ އެވެ. ނަމަވެސް ޕާޓީ އޮތް ވަގުތު އަމީން ރާއްޖޭގައި ނޫޅުއްވާ ކަމަށާއި ޕާޓީ އޮތް އެޕާޓްމަންޓަކީ ސީދާ އަމީނާ ގުޅުން ހުރި ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ފުލުހަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވަ އެވެ.
