ޚަބަރު

ތަފާތުކުރުމުގެ ސަގާފަތް ބަދަލުކުރަން ނުކުންނަން ތާއީދުކުރަން: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޔުމްނުއަށް އިންސާފު ހޯދަން ގޮވާލާ ޒުވާނުން ކުރާ މުޒާހަރާ - ފޮޓޯ: އެކްސް

ތަފާތުކުރުމުގެ ސަގާފަތެއް މި ގައުމުގައި އާލާވެފައިވާ ކަން ގަބޫލުކުރައްވާ ކަމަށާއި ތަފާތުކުރުމާ ދެކޮޅަށް ޒުވާނުންނާއި އެހެން އުމުރުފުރާގެ މީހުން ވެސް ނުކުމެ އަޑުއުފުލަށް ތާއީދުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގެ މައްސަލާގައި އިންސާފަށް ގޮވާލާ ޒުވާނުން ކޮންމެ ރެއަކު ސިލްސިލާކޮށް މާލޭގައި މުޒާހަރާކުރަމުންނެވެ.

މައްސަލަ ހޫނުވީ އޭގެ ކުރީގެ ރޭ ޔުމްނު ޓްރާންސްޕޯޓް މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅުގައި ހިމެނޭ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔަ އިރު ޕާޓީ އޮތް ގޭގެ ނަން ފުލުހުން ހާމަނުކުރުމުންނެވެ. ފަހުން ފުލުހުން ހާމަކުރި ގޮތުގައި ޕާޓީގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅަކާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަގާމެއްގައި ހުންނެވި ޒުވާން ބޭފުޅަކާއި އޭނާގެ ކޮއްކޮ ހިމެނެ އެވެ.

އަންޑަ ސެކްރެޓަރީގެ ވަޒީފާއިން މިހާރު ސަސްޕެންޑްކޮށްފައިވާ ދާއޫދު އަހުމަދު ޒަލީލްގެ ކޮއްކޮ ރައުދު އަހުމަދު ޒަލީލް މިހާރު ހުރީ ބަންދުގަ އެވެ. ޔުމްނު ވެއްޓުނު އިމާރާތުގައި އޭނާއާއެކު ރައުދު އުޅުނު ކަން ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުތަކުން ވެސް ފެނެ އެވެ. ރައުދު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފަ އެވެ.

ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު އަމާޒުވީ ރައުދު ހައްޔަރުނުކުރުމާއި ރައުދުއާއި ޔުމްނު ހަމަނުޖެހުމެއް ހިނގި ކަމާއި ފުރަތަމަ ޕާޓީ އޮތް ގޭގެ ނަން ހާމަނުކުރުމާއި މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ޕާޓީގައި ތިބި މީހުން ދެކޮޅު ހެދުމުން މި ހުރިހާ ކަމަކާ ގުޅުވާފަ އެވެ.

މިއަދު ހެނދުނު 10 ޖެހީއްސުރެން ފެށިގެން އަދިވެސް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރި ޒުވާނުންގެ މައިގަނޑު ކަންބޮޑުވުވަމަކަށް އޮތް ބާރުގަދަ މީހުނާއި މުއްސަނދިންގެ އާއިލާ މީހުންގެ މައްޗަށް ގާނޫނާއި އިންސާފު ނުހިނގުން ކަމަށް ވާއިރު އެ ކަމާ ރައީސް ދެކެވަޑައިގަންނަވާ ގޮތަކާ ގުޅޭ ގޮތުންނެވެ.

"ޒަމާނުއްސުރެން އަޅުގަނޑުމެންގެ ތެރޭގައި އޮތް ކަލްޗާއެއް އެއީ ބާރު އޮންނަ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމަކީ. ތަފާތުކުރުމާ މި ކަހަލަ ކަންކަން،" ތަފާތުކުރުމުގެ ސަގާފަތް ޒަމާނުއްސުރެން އޮތް ކަން ގަބޫލުކުރައްވާ ކަން ރައީސް ވިދާޅުވި އެވެ.

އެ ކަން ބަދަލުކުރަން ޖެހޭ ކަމަށާއި ބަދަލުކުރުމަށް ކުރާ ކޮންމެ ވަކާލާތަކަށް ރައީސް ތާއީދުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޒުވާން ކުދިން، އަދި އެންމެން ވެސް މި ކަމާ ވާހަކަ ދައްކައި ހިޔާލުފާޅުކޮށް އެ ގޮތް ބަދަލުކުރަން، އިންސާފާއި ހަމައާއި ދެފުށް ފެންނަ ގޮތަށް މި ގޮތަށް ކަންކަން ގެންދަން ގޮވާލުން، އަޅުގަނޑު ހަމަ ތާއީދުއ ވެސް ކުރަން،" ރައީސް ވިދާޅުވި އެވެ.

"އެންމެން ބައިވެރިވެގެން މި ގޯސް އާދަތައް ބަދަލުކުރެވޭނީ މި ތާގައި."