ޝިމަންއާއި މަހްޒޫމް ދޫކޮށްލައިފި

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު މާލޭގެ އިމާރާތެއްގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓުނު މައްސަލާގައި ޔުމްނަށް އިންސާފަށް ގޮވާލާ ބޭއްވި މުޒާހާރާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލައިފި އެވެ.
އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު މިއަދު ފުލުހުން ދޫކޮށްލީ އެ ދެ މީހުންގެ ބަންދަށް އިއްޔެ ކޯޓުން ތިން ދުވަސް ވެސް ޖަހާފައިވަނިކޮށެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާ ރޫޅާލަން ޖެހުނީ ދަތުރުފަތުރަށް އުނދަގޫވެ، އޯލެވެލް އިމްތިހާނަށް ފިލާވަޅު ދަސްކުރާ ދަރިވަރުންނަށް އުނދަގޫވާ ވަރަށް އަޑުގަދަކޮށް މުޒާހަރާކުރާތީ ފުލުހުން އެންގި އެންގުމަށް ކިޔަމަންތެރި ނުވުމުންނެވެ.
ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.
މައްސަލަ ހޫނުވީ އޭގެ ކުރީގެ ރޭ ޔުމްނު ޓްރާންސްޕޯޓް މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅުގައި ހިމެނޭ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔަ އިރު ޕާޓީ އޮތް ގޭގެ ނަން ފުލުހުން ހާމަނުކުރުމުންނެވެ. ފަހުން ފުލުހުން ހާމަކުރި ގޮތުގައި ޕާޓީގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ބޭފުޅަކާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަގާމެއްގައި ހުންނެވި ޒުވާން ބޭފުޅަކާއި އޭނާގެ ކޮއްކޮ ހިމެނެ އެވެ.
އަންޑަ ސެކްރެޓަރީގެ ވަޒީފާއިން މިހާރު ސަސްޕެންޑްކޮށްފައިވާ ދާއޫދު އަހުމަދު ޒަލީލްގެ ކޮއްކޮ ރައުދު އަހުމަދު ޒަލީލް މިހާރު ހުރީ ބަންދުގަ އެވެ. ޔުމްނު ވެއްޓުނު އިމާރާތުގައި އޭނާއާއެކު ރައުދު އުޅުނު ކަން ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުތަކުން ވެސް ފެނެ އެވެ. ރައުދު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފަ އެވެ.
ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު އަމާޒުވީ ރައުދު ހައްޔަރުނުކުރުމާއި ރައުދުއާއި ޔުމްނު ހަމަނުޖެހުމެއް ހިނގި ކަމާއި ފުރަތަމަ ޕާޓީ އޮތް ގޭގެ ނަން ހާމަނުކުރުމާއި މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ޕާޓީގައި ތިބި މީހުން ދެކޮޅު ހެދުމުން މި ހުރިހާ ކަމަކާ ގުޅުވާފަ އެވެ.
