ހަގީގީ ހާދިސާ ލައިފްސްޓައިލް

ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖެއްގެ ދުލުން: މުޅި ހަޔާތުގައި މިގެންދަނީ އެކަމުގެ ވޭން ތަހައްމަލް ކުރަމުން!

ދެން އެމްވީ ، ދެން އޮންލައިން

"ރޭޕް" ، މިއީ ކިތަންމެ ކުރު ލަފުޒެއް ނަމަވެސް އެ ލަފުޒުގައި ވަނީ ވޭނާއި އަނިޔާއެވެ. އެ އަމަލު ހިނގާ ވަގުތު ލިބޭ ޖިސްމާނީ އަނިޔާއާއި ކުއްލި ސިހުމުގެ އިތުރުން މުޅި ޙަޔާތުގައި ހޭދަ ކުރަން ޖެހޭ ނަފްސާނީ ނިކަމެތިކަމެވެ. ބަރުބާދީ ދުވަސްތަކެވެ.

މިކަން އެންމެ ބޮޑަށް އެނގޭނީ، މިވޭނާއި ކުރިމަތިލާން ޖެހުނު މީހުންނަށެވެ. އެހެން މީހުންނަށް ހަމައެކަނި ކުރެވޭނީ އަންދާޒާއެވެ.

މިއީ މީގެ އެތަކެއް އަހަރުތަކެއް ކުރިން އަންހެން ކުއްޖަކަށް ދިމާވި ހަގީގީ ހާދިސާއެކެވެ.
އެއަންހެން ކުއްޖާ "ދެން" އާއި މިވާހަކަ ހިއްސާ ކުރީ، އޭނާގެ އުދާސްތައް ހިއްސާކޮށް ، ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގަތުމަށެވެ. ރޭޕްގެ އަނިޔާވެރިއަކީ އެކަން ކުރާ މީހާ އެކަނި ނޫންކަން މުޖުތަމަޢުއަށް އަންގައިދިނުމަށް ޓަކައެެވެ.

"އެއިރު އަހަރެންގެ އުމުރުން އެންމެ 14 އަހަރެވެ. އަހަރެން ތަޢުލީމު ހާސިލު ކުރަމުން ގެންދިޔައީ ގްރޭޑް 8 ގައެވެ.
އަހަންނަކީ އެއިރު ރެސްލިންގ ބަލަން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ރެސްލިންގ ބަލަން އެއިރު ގޮސް އުޅުނީ އަހަރެންގެ ބޭބެގެ ގެއަށެވެ. އެގޭގައި އުޅެނީ ބޭބެއާއި، އޭނާގެ އަންހެނުންނާއި ހަތަރު ކުދިންނެވެ. އޭގެ ތެރެއިން އެންމެ ދޮށީ ދެކުދިންނަކީ އެއްމާބަނޑު ދެކުދިންނެވެ. އެކުދިންގެ އުމުރުން އެއިރު ނުވަ އަހަރެވެ. ތިންވަނައަށް ހުންނަ ކުއްޖާގެ އުމުރުން ތިންއަހަރެވެ. އަދި އެންމެ ހަގަށް ހުރި ކުއްޖާއަށް އެއިރު ވާނީ އެންމެ ދެ އަހަރެވެ.

އެއީ ބުދަ ދުވަހެކެވެ. ބޭބެ އަހަރެމެންގެ ގެއަށް ފޯނު ކޮށްފައި އަހަރެންގާތު ބުނީ އެދުވަހު ހަވީރު ރެސްލިންގ ދައްކާ ކަމަށާއި ބަލަން އައުމަށެވެ. އެއީ އާއްމުގޮތެއްގައި ރެސްލިންގ ދައްކާ ދުވަހަކަށް ނުވާތީ، އެދުވަހު ނުދައްކާނެ ނޫންހޭ ބުނުމުން ބޭބެ ބުނީ އެދުވަހު ދައްކަނީ ޚާއްސަ އިވެންޓެއް ކަމަށެވެ.
އަހަރެން ވަރަށް އުފާވިއެވެ. އަދި އަވަހަށް ރެސްލިންގ ބަލަންދާ ހިތުން މަންމަގާތު ބުނެފައި އެދުވަހުގެ ހަވީރު އެގެއަށް ދިޔައީމެވެ. އަހަރުމެންގެ ގެއާއި ބޭބެމެންގެ ގެ ހުންނަނީ އެހާ ކައިރިއަކު ނޫނެވެ. ނަމަވެސް 15 ވަރަކަށް މިނެޓު ތެރޭގައި ހިނގާފައި އެގެއަށް ދެވެއެވެ. އަހަންނަކީ އަބަދުވެސް އެކަނި ތަންތަނަށްދާ މީހަކަށްވުމުން، އެދުވަހުވެސް އަހަރެން އެކަނި އެގެއަށް ފޮނުވަން މަންމަ ޖެހިލުމެއް ނުވެއެވެ.
ގަޑިން ފަހެއް ޖެހިއިރު އަހަރެން ހުރީ އެގޭގައެވެ. އެއީ ގޯޅިގަނޑެއްގެ އެންމެ އެތެރޭގައި ހުންނަ ގެއެކެވެ.

އަހަރެން އެގެއަށް ވަތްއިރު ބޭބެގެ އަންހެނުންނެއް ވެސް އަދި އެމީހުންގެ ދަރިންނެއް ވެސް ނެތެވެ. ދައްތަ ކޮބައިތޯ ސުވާލު ކުރުމުން ބޭބެ ބުނީ ދައްތަ ދިޔައީ އެމީހުންގެ ދޮށީ ދެ ދަރިން ބަލާ ސްކޫލްދޮށަށް ކަމަށެވެ. އެދެކުދިން އެއިރު އުޅުނީ ޣިޔާސުއްދީން ސްކޫލް ގައެވެ. ހަގަށް ތިބި ދެކުދިން ކޮބާތޯ އެހުމުން ބުނީ، ދައްތަ ދިޔައީ އެކުދިން ގޮވައިގެން ކަމަށެވެ. އެކަނި ކިހިނެއްތޯ އެކުދިންގެ ފޮތް ދަބަހާއި، ކުޑަ ދެ ކުދިންވެސް ގޮވައިގެން އަންނާނީ އެހުމުން ބޭބެ ބުނީ ދައްތަ ދިޔައީ ދައްތަގެ ރައްޓެހިންތަކަކާއެކު ކަމަށެވެ. އެހެންކަމުން އެއްވެސް ބުރައެއް ނުވާނެ ކަމަށެވެ. އެކަން އެނގުމުން އަހަރެންވެސް ތަންކޮޅެއް ހަމަޖެހުނީމެވެ.

ގަޑިން 5:15 ވީއިރުވެސް ރެސްލިންގެއް ނުފަށައެވެ. އެހެންކަމުން ދެން އެނުދައްކަނީ ކަންނޭނގެއޭ ބުނެ އަހަރެން ގެއަށް ދާންވެގެން އުޅުނީމެވެ. ނަމަވެސް ބޭބެ އެދުނީ މަޑުކުރުމަށެވެ. އަދިވެސް ރެސްލިން ދައްކާތޯ ބަލަން ބޭބެ ބޭނުންވަނީ ކަންނޭނގެއޭ ހިތަށް އަރާފައި އަހަރެން މަޑު ކުރީމެވެ. ދެން ފެނުނީ ބޭބެ ގޮސް ދޮރު ތަޅުލިތަނެވެ. ނުރައްކަލެއް އަހަންނަށް ކުރިމަތިވާން އުޅޭކަމުގެ ހޭވެރިކަންވީ އެވަގުތުއެވެ. ދޮރު ތަޅުލީ ކީއްވެހޭ ބުނެ އަހަރެން އަވަސް އަވަހަށް ތެދުވީމެވެ. ދޮރު ހުޅުވަން އުޅުމުން ބޭބެ އަހަރެން ހުއްޓުވިއެވެ. އަދި އަހަރެން ގެންގޮސް އެނދާއި ދިމާލަށް އެއްލާލިއެވެ. އަހަރެން ދޫކޮށްލުމަށް އެދި ރޮއެ އާދޭސް ކުރަން ފެށިމެވެ. އެކަމަކު ޝިކާރައަށް ނިކުމެ އުޅޭ ސިންގާއެއް ފަދައިން ބޭބެ އަހަރެންގެ ގައިމައްޗަށް އަރާ ދެއަތުގައި ހިފެހެއްޓިއެވެ.

ގެކައިރި މީހުންނަށް އަޑުއިވޭތޯ އަހަރެން ބާރަށް ހަޅޭލަވަން ފެށިމެވެ. ނަމަވެސް އަހަރެންގެ އަޑު ކެނޑުނީ ބޭބެގެ ގޮށްމުށުގެ ހަމަލާއެއް އަހަރެންގެ މޫނުމައްޗަށް އަރާ ، ބޮލަށް އެނބުރުން އަރައިގެންނެވެ. ޙަރަކާތެއް ކޮށްލެވޭހާ ހިތްވަރެއް ނެތް ނިކަމެތި އެވަގުތުގައި ވަރުގަދަ ސިންގާ އަހަރެންގެ މައްޗަށް ގަދަވެ ގަތެވެ. އަދި އެވަގުތު އަހަންނަށް ލިބެމުންދިޔަ ވޭން އިހުސާސް ކުރެވެމުންދިޔައެވެ.

އާރެއް ބާރެއް ނެތް 14 އަހަރުގެ މި ކުއްޖާއަށް ސަލާމަތްވެވޭތޯ ކުރެވެން އޮތް ހުރިހާ މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އެ ސިހުމާއި ވޭނުގައި އޮހެމުންދިޔަ ކަރުނަތަކާއެކު ކަރުން އަޑު ބެނދިއްޖެއެވެ.

އަހަރެންގެ އިއްފަތްތެރިކަން ނަގާލުމަށްފަހު ވެސް ބޭބެއަށް ކުޑަ ވެސް އަސަރެއް ނުކުރިއެވެ. އޭގެ ބަދަލުގައި ބޮޑާވެގަތެވެ. ބިރުދައްކަން ފެށިއެވެ. ކެރެންޏާ އެވާހަކަ އެއްވެސް މީހަކަށް ކިޔައިދީ ބަލާށޭ ބުންޏެވެ.

މަންމަ ގާތު ބުނާނަމޭ ބުނެ އަހަރެން އެގެއިން ނިކުމެގެން ދެވުނު އެންމެ ބާރަކަށް ގެއާއި ދިމާލަށް ދިޔައީމެވެ. އެދުވަހު މަގުމަތިން އަހަރެން ދިޔައީ ރޮމުން ރޮމުންނެވެ. މި މަންޒަރު ފެނުނު މީހުން އަހަންނާ އަޅައެއް ނުލައެވެ. އަދި ނިކަން އަވަހަށް އަހަންނާއި މެދު ހުކުމްކުރިއެވެ.

''ޔަގީން ، އެދަނީ ބިޓެއް ކަޓައިގެން ރޮމުން ރޮމުން"

"މިޒަމާނު ކުދިން މަންމަ ބަނޑުން ނިކުންނައިރު ވެސް ތިބެނީ ބިޓުން ނަގައިގެންނެވެ'' ދެންމެ އިވުނު ޖުމްލަ ތަކެއްހެން މިހާރުވެސް ކަންފަތުގައި ހަރުލާފައި އެބަ ހުއްޓެވެ.

އެމީހުންގެ އެބަސްތަކުން އަހަރެންގެ ޒަހަމްވެފައިވާ ހިތަށް ހަންޖަރެއް ޖެހިފަދައެވެ. ނަމަވެސް އެކަމުގެ ވޭން އޮއްބާލީމެވެ. ބޭނުންވީ ވީއެންމެ އަވަހަކަށް މަންމަ ގާތަށް ދާށެވެ.

ގެއަށް އައިސް ވަތްއިރު މަންމަ އިނީ ސިޓިން ރޫމްގައެވެ. މަންމަ ގާތުގައި ދައްތަ އިނެވެ.

ރޮމުން ގިސްލަމުން ގޮސް މަންމަގެ ހިމާޔަތަށް އެދެވުނެވެ. "މަންމާއެވެ. ބޭބެ ވަރަށް ގޯހެވެ." ކިރިޔާ ބުނެވުނީ މި މިންވަރަށެވެ.

ކުއްލިއަކަށް އަހަރެންގެ މޫނުމައްޗަަަށް އެރީ މަންމަގެ އަތްތިލައެވެ.

ޒަހަމްވެ އަދި ކުދިކުދިވެގެން އައި އަހަރެން ހިމާޔަތްކުރާ ހިމާޔަތްތެރީންގެ ފަރާތުން ވެސް ލިބުނީ ހިޔާނަތެވެ. ލޯތްބާއި އަޅާލުން ދޭ ލޯބިވެރިންގެ ފަރާތުން ލިބުނީ ނަފްރަތާއި އިތުރު ވޭނެވެ.

އަހަރެންގެ ހިތް އިތުރަށް ޒަހަމް ވާކަށް ނެތެވެ. ކުދިކުދިވެ ފަޅައިގެން ގޮސްފިއެވެ.

މަންމަގެ މޫނުމަތީގައި ހުރީ ރުޅިވެރިކަން އަހަންނަށް ފާހަގަވިއެވެ. އަހަންނާއި ދިމާލަށް މަންމަ ބުނީ 'އަމިއްލައަށް ވިޔާނުދާ ގޮތްގޮތަށް އުޅެފައި އަދި އެހެންމީހުން ގޯހޭ އެބަ ކިޔައެއް ނޫންހޭ، ދެން ދުވަހަކުވެސް ބޭރަކަށް ނުދެވޭނޭ' މިހެންނެވެ. މަންމަގެ މޫނުމަތީގައި ހުރީ ރުޅިވެރިކަން އަހަންނަށް ފާހަގަވިއެވެ.

އަހަންނަށް ލިބިފައިހުރި ވޭނުގެ އިތުރުން ލިބުނީ ޝޮކެކެވެ. ހިމާޔަތެއް ، އަޅާލުމެއް ނުލިބުނެވެ. އިތުރަށް އެއްޗެއް ނުބުނެ އަހަރެން ކޮޓަރިއަށް ދިޔައީމެވެ. ރޯންވީ ކަމެއް ވެސް ނޭނގިފައެވެ.

ވެގެން އުޅޭ ގޮތެއް އަހަންނަށް ސާފު ކޮށްދިނީ އަހަރެންގެ ދައްތައެވެ. ދައްތަ ބުނީ އަހަރެން ގެއަށް އައުމުގެ އިރުކޮޅެއް ކުރިން ބޭބެ ގުޅިކަމަށެވެ. އަދި އަހަރެން ފިރިހެނަކާއެކު އެގޭ ކައިރީގައި ހުންނަ ގެސްޓްހައުސް އަކުން ނިކުންނަނިކޮށް ފެނުނު ކަމަށާއި އެކަމާއި އެއްޗެއް ބުނުމުން އަހަރެން ބޭބެއާއި ޒުވާބުކުރި ކަމަށް ބުނި ކަމަށެވެ. އެކަމާއި ބޭބެ ރުޅިއައިސްގެން އަހަރެން ގައިގައި ޖެހުމުން، ބޭބެ ކުށްވެރިކޮށްފައި މަންމަ ކައިރީ ވާހަކަ ދައްކާނެ ކަމަށް ބުނިކަމަށް ދައްތަ ކިޔައިދިނެވެ.

ވެގެން އުޅޭ ގޮތް އަހަންނަށް ސާފުވީ އެވަގުތުއެވެ. މުޅި ގައިގައި އެވަގުތު އެޅި ވޭނަށްވުރެ، މަންމައާއި ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން ލިބުނު ހިތާމަ ބޮޑުވިއެވެ. ރުޅިވެސް އަންނަން ފެށިއެވެ. އެދުވަހުން ފެށިގެން އަހަރެން ނިންމީ އެވާހަކަ އެކަކަށްވެސް ކިޔައި ނުދިނުމަށެވެ.

ދުވަސްތައް މާޒީވެ ދަމުން އަހަރެންގެ އުމުރުން 19 އަހަރުގައި އަލަތު ކައިވެނި ކުރަން ތައްޔާރުވީމެވެ. އެއީވެސް މަންމަގެ އެދުމުގެ މަތިންނެވެ.
ކައިވެނި ކުރަން ރަން ކިޔަން އޮތް ދުވަހު ބޭބެ އަހަރެމެން ގެއަށް އައެވެ. އަދި ބޭބެއަށް ކުރެވުނު ކަންތަކަށް މާފު ކޮށްދިނުމަށާއި އެކަންތައް ސިއްރު ކޮށްދޭން ވެސް އެދުނެވެ. އަހަރެން މާފު ކުރީމެވެ. ނަމަވެސް ކައިވެނި ކުރުމުގެ ކުރިން އަލަތު ފިރިމީހާއަށް އެވާހަކަ ކިޔައިދޭނެ ކަމަށް ބުނީމެވެ. އެއީ އެހެން ނޫންނަމަ ކައިވެންޏަށްފަހު އަހަރެންގެ ''އެއް ހަގީގަތް'' ފިރިމީހާ އަށް ކޮންމެހެން ވެސް އެނގޭނެތީއެވެ. އަދި އެކަން ސިއްރު ނުކުރެވޭނެތީ އާއި އެކަން އެގޮތަށް ކޮށްގެން ވެސް ނުވާނެ ކަމަށް އަހަންނަށް ޤަބޫލު ކުރެވޭތީ އެވެ.

އެވާހަކަތައް ވާން އުޅޭ ފިރިމީހާއަށް ކިޔައިދިން ނަމަވެސް ބޭބެއަށާއި ބޭބެގެ އާއިލާއަށް އެއްވެސް ދެރައެއް ދޭން އަހަރެން ބޭނުން ނުވާ ކަމަށް ވެސް ބުނީމެވެ.

އަހަރެންގެ ވާން އުޅޭ ފިރިމީހާއަށް ހަގީގަތް ކިޔައިދިނުމުން އޭނާ ބޭބެދެކެ ވަރަށް ރުޅި އައެވެ. މައްސަލަ ހުށަހަޅަން ވެސް ބޭނުންވިއެވެ. ނަމަވެސް މަންމައަށާއި އާއިލާގެ އެހެން އެއްވެސް މީހަކަށްވެސް ދެރައެއް ދޭން ބޭނުންނުވާތީ އެކަން ކުރަން ބޭނުން ނުވާ ވާހަކަ ބުނުމުން ފިރިމީހާވެސް ނިންމީ ދެން މައްސަލަ ހުށަނާޅާ އެކަންތައް ހަނދާން ނައްތާލާށެވެ.

ނަމަވެސް ރޭޕަކީ ނުވަތަ ޖިންސީ އަނިޔާއަކީ އެހާ ފަސޭހައިން ހަނދާން ނައްތާލެވޭނެ ކަމެއް ނޫނެވެ. އެޢަމަލު ހިނގާ ވަގުތާއި އޭގެ ފަހުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބުނު ނަމަވެސް ރޭޕަކީ މުޅި ޙަޔާތުގައި އެކަމުގެ ހިތްދަތިކަމާއި ވޭން އުފުލަން ޖެހޭ ކަމެކެވެ. އަހަރެންގެ ބޭބެ އަހަރެންގެ ޢިއްފަތްތެރިކަން ނަގާލުން ވެގެން ދިޔައީ އަހަރެންގެ އަލަތު ކައިވެންޏަށާއި ފަހުން ކުރި ކައިވެންޏަށް ވެސް އަސަރު ކުރި ކަމަކަށެވެ. އަހަރެންގެ ގައިގައި މީހަކު ގާތްކޮށް އިނގިލިކުރި ޖައްސާލިޔަސް ހަނދާންވަނީ އެހިތްދަތި ދުވަހެވެ. އެހެންކަމުން އަހަރެންގެ ފިކުރުތައް ބިރުވެރިކަމާއި ހިތްދަތިކަމަށް ދަތުރުކުރަން ފަށައެވެ. އަދި އޭގެ ސަބަބުން ކުރި ދެ ކައިވެނި ވެސް ރޫޅުނެވެ.

މިއަދު އަހަންނަކީ އެކަނިވެރި މައެކެވެ. އަހަރެންގެ އެކަނިވެރިކަމާއި މާޔޫސީކަމަށް ތަސައްލީއެއް ލިބެނީ އަހަރެންގެ ކުދިންގެ މައުސޫމް ހީލުންތަކާއި އެކުދިންގެ މުސްތަގުބަލަށް ކުރާ ފޮނި އުއްމީދުންނެވެ. އަހަރެންގެ މަގުސަދަކީ އަހަންނަށް ލިބުނު ފަދަ އަނިޔާއެއް އަހަރެންގެ ދަރިއަކަށް ވެސް އަދި އެހެން އެއްވެސް ކުއްޖަކަށް ނުލިބުމެވެ. އަހަރެންގެ އަބަދުގެ ދުޢާއަކީ ވެސް އެއީ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!