ޚަބަރު

ވަކިކުރަން ނިންމީ މައުސޫމު ކަމުގެ ގިނަ ހެކި ދައްކާފައިވަނިކޮށް: އަޒްމިރަލްދާގެ ވަކީލު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޖުޑިޝަރީ ކޮންފަރެންސެއްގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މައުސޫމު ކަމުގެ ގިނަ ހެކި ދައްކާފައި ވަނިކޮށް ކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MPL

އަޒްމިރަލްދާ ވަކިކުރަން ނިންމީ، އޭނާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުކުރަން ހާޒިރުކުރި މަޖިލީހަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޒްމިރަލްދާގެ ވަކީލު ޝަމީލް ވިދާޅުވީ ފިރިކަލުން ހައްޔަރުގައި ހުރި ކަން ނޭނގި އުޅުނު ކަމާއި ބަންދުކުރިކަން އެނގުނު ގަޑީގެ އިތުރުން ހައްޔަރުކުރި އިރުން ފެށިގެން ކަން ހިނގި ގޮތުގެ ހުރިހާ ހެއްކެއް ހުށަހެޅި ކަމަށެވެ.

"ހެނދުނު 7:47 ބަންދުކުރި ކަން އެނގުނު ގަޑި. އެނގޭނެ ހެކި ހުށަހެޅި. ފިރިކަލުން ވަޑައިނުގަންނަވާތީ އައިޖީއެމްއެޗްގެ އެކި ޑޮކްޓަރުންނަށް ފަނޑިޔާރު ކުރެއްވި މެސެޖުތަކުގެ ސްކްރީންޝޮޓް ހުށަހެޅި. ހައްޔަރުގައި ހުރި ކަން އެނގިގެން ފިރިކަލުންގެ ވަކީލު އަހުމަދު ޝަފްއާން ޝާފީއާ ދެއްކި ވާހަކަތައް ހުށަހެޅިން،" އަޒްމިރަލްދާގެ ވަކީލު ޝާމިލް ވިދާޅުވި އެވެ.

ވަކީލު ވިދާޅުވި ގޮތުގައި ހެނދުނު 10:30 ހާއިރު ފިރިކަލުން މިނިވަންވި ކަން ފަނޑިޔާރު އަޒްމިރަލްދާއަށް އޭނާގެ ދިފާއީ ވަކީލު ގުޅުއްވުމުން އެނގިވަޑައިގަތް ކަމަށެވެ. ބަންދުން ދޫކޮށްލުމުގެ އަމުރު ނެރުއްވީ ގާޒީ އިބްރާހީމް ޒިހުނީ އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބަށް ގުޅުއްވައި، ގާޒީ ސޮފްއަތު މެދުވެރިކުރައްވައިގެން ގާޒީ ޒިހުނީއަށް ނުފޫޒު ފޯރުއްވަން އުޅުއްވި ކަމެވެ. މި މައްސަލާގައި މަހާޒު ވަކިކުރުމަށް ވެސް މަޖިލީހަށް ފޮނުވާފައިވެ އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލު ޝާމިލް ވިދާޅުވީ ފަނޑިޔާރު މަހާޒު، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތަށް ގުޅުއްވަނީ ހެނދުނު 11 ވެސް ޖެހި ފަހުން ކަން ހެކިތަކަށް ބެލުމުން އެނގޭ ކަމަށެވެ.

"ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ބޭފުޅަކަށް ގުޅުއްވި ކަމެއް ނޭނގޭ. ގުޅުއްވަން ބޭފުޅަކު ކައިރީ ވިދާޅުވި ބަސްފުޅެއް ވެސް ބުނެނުދެވޭ، ކުރެއްވި އެއްވެސް ކަމެއް ނޭނގޭ،"

"ފަނޑިޔާރު އަޒްމިރަލްދާއަށް އެނގިވަޑައިގަންނަވާ 10:38 ގައި ބަންދުން ދޫކޮށްލިކަން. ބަންދުން ދޫކޮށްލިކަން އެނގިވަޑައިގަންނަވާ ފަހުން ދޫކޮށްލަން އެހެން ފަނޑިޔާރަކު މެދުވެރިކުރައްވައި ގުޅުއްވަން ޖެހިވަޑައިގަންނަވާ ސަބަބެއް ނެތް،" ފަނޑިޔާރުގެ ވަކީލު ޝާމިލް ވިދާޅުވި އެވެ.

އަޒްމިރަލްދާގެ ފިރިކަލުންނަށް ތުހުމަތުކުރެވޭ ހެކި ނެތުމުން ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލި އިރު އެ އަމުރު ފުލުހުން މަތީ ކޯޓެއްގައި އިސްތިއުނާފުކުރަން އެދިފައެއް ނުވެ އެވެ. އަދި ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވެސް ނިންމާފައިވެ އެވެ.

"ތަހުގީގީ އިދާރާތަކުން ވެސް ކުރިއަށް ނުގޮސް ނިންމާފައިވާ މައްސަލައެއްގައި ފަނޑިޔާރު ނުފޫޒު ފޯރުވަން އުޅޭ ގޮތެއް ނޭނގޭ،" ޝާމިލް ވިދާޅުވި އެވެ.