އިމިގްރޭޝަން ވޮޗަށް 1507 އަށްވުރެ ގިނަ މައްސަލަަ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ގާއިމުކުރި "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 1507 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތައާރަފުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހު އެވެ.
އިމިގްރޭޝަނުން ބުނީ "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 1507 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މީގެ ތެރެއިން 976 މައްސަލައަކަށް އެޓެންޑްވެފައިވާ ކަމަށެވެ.
އަދި 244 މައްސަލައެއް މިހާތަނަށް ވެރިފައިކުރެވިފައި ނުވާ ކަމަށާއި ނުބެލި އޮތީ 116 މައްސަލައެއްކަން އިމިގްރޭޝަނުން ބުންޏެވެ.
އަދި މީގެއިތުރުން އެ އިދާރާއާއި ގުޅުންނެތް 171 މައްސަލަވެސް މި މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ހާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފަ އެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
