ޚަބަރު

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަން ފެށީ ގާނޫނާ ޚިލާފަށް: ފިލްޒާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ - ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށީ ގާނޫނާ ޚިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.

Ads by MPL

ދެ ފަނޑިޔާރުން ވަކިކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މަސާޖު ޕާލާއަކުން އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

އެ މައްސަލަ ދިރާސާކުރި ޖުޑީޝަރީ ކޮމިޓީއަށް ފިލްޒާގެ ގާނޫނީ ލަފާ ވަނީ ފޮނުވައިފަ އެވެ. ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އެ ލަފާ ހިމަނާފައިވެ އެވެ.

ފިލްޒާ ދެއްވި ލަފާގައި ފާހަގަ ކުރައްވާފައި ވަނީ ޖޭއެސްސީގެ ގާނޫނުގައި އެ ކޮމިޝަނަށް ހުށަހަޅާ މައްސަލައެއް ބަލަން ގޮތެއް ނިންމުމަށް އޮންނަ މަރުހަލާތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމެވެ.

ރިޕޯޓް ފަށަމުން އެއީ ކޮމިޝަނުން އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލައެއް ކަމަށް ބަޔާން ކުރި ނަމަވެސް މުޅި ރިޕޯޓަށް ބެލުމުންނާއި ރިޕޯޓް ނިންމަމުން ހިމަނާފައިވާ މައްސަލައިގެ ހުލާސާގައި އެއީ އާންމު މީހަކު ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ކަން އެނގޭ ކަމަށް އޮވެ އެވެ.

ފިލްޒާ ދެން ހަވާލާ ދެއްވީ ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާއަށެވެ. އޭގައި ބުނާ ގޮތުން ކޮމިޝަނަށް މައްސަލައެއް މީހަކު ހުށަހެޅުމުން މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމަށް ޖޭއެސްސީގެ ތިން މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން ޖެހޭނެ އެވެ. މި މައްސަލާގައި މި މަރުހަލާ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ޖުޑީޝަރީ ކޮމިޓީން މިއަދު ބައްދަލުކޮށް ފިލްޒާގެ ލަފާ އެ ގޮތަށް އޮތް ނަމަވެސް ކޮމިޝަނުގެ ރިޕޯޓް ތަޅުމަށް ފޮނުވަން ފާސްކުރީ އެ ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައިފަ އެވެ.

އޭގައި ޖޭއެސްސީން ދެކޭ ގޮތަކީ މައްސަލަ ބެލުމާއި ނުބެލުމަކީ ކޮމިޝަނަށް ލިބޭ ބާރެއް ކަމަށް ގާނޫނުގައި ބަޔާންކުރާތީ އެ ގޮތަށް ވެސް ނިންމޭނެ ކަމަށެވެ. ޖުޑީޝަރީ ކޮމިޓީގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވެސް ދެކެނީ އެ ގޮތަށެވެ.

މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

ފެބްރުއަރީ 26 ގައި މި ދެ ފަނޑިޔާރުންގެ އިތުރުން ހުސްނުއްސުއޫދު ވެސް ސަސްޕެންޑްކުރި އެވެ. އޭނާ ވަނީ މާޗު 4 ގައި ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.