ޚަބަރު

ބަންދު ދުވަސްތަކުގައި ވެސް ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރާނެ

ދެން އެމްވީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރު ބަންދު ކުރި ނަމަވެސް މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ މި ދުވަސްވަރު ސަރުކާރު ބަންދު ނަމަވެސް، މަތީ ތައުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނާއި ސްކޮލަޝިޕާއި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ސްކީމްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވާ މުއްދަތުގައި އެ ފައިސާ ދޫކުރާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ފާއިތުވި ހަފްތާގައި އެކަނިވެސް ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 1148 ދަރިވަރަކަށް ދޫކުރަންޖެހޭ ފައިސާ ވަނީ ދޫކޮށްފައިވާ ކަމަށެވެ.

ސަރުކާރު ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު މިހާރު އޮންނަ ގޮތުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އެކަޑަމިކް އަހަރަކަށް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރާނީ، 2 ބަޔަށް ބަހާލައިގެން އެދަރިވަރެއްގެ އެކަޑެމިކް އަހަރުގެ ތެރޭގައި 2 ފަހަރެއްގެ މަތީންނެވެ.

އެ ސްކީމްގެ ދަށުން ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ލިބޭ ފައިސާގެ ތަފްސީލު ބެލޭނެ އިންތިޒާމެއް ގާއިމްކުރުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަން ވަނީ ފަށައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!