ޚަބަރު

ދިވެހި ހުރިހާ ހައްޖުވެރިން މިނާއަށް ހިނގައްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހި ހައްޖުވެރިން މިނާގައި

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން މިނާއަށް ހިނގައްޖެ އެވެ.

Ads by MPL

މިނާއަށް ހައްޖުވެރިން ދަތުރު ފެށީ ރޭގެ ވަގުތެއްގަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ހާޖީން ދަނީ މިނާގެ ފޭލިގެތަކަށް ވާސިލްވަމުން ކަމަށެވެ.

"މިވަގުތާހަމައަށް 300 އެއްހާ ހާޖީން ދަނީ މިނާއަށް ދަތުރުކުރަމުން، އެހެނިހެން ބަސްތައް ތަރުތީބުން ދަނީ ފުރަމުން. އެންމެންގެ ޙާލުވެސް ރަނގަޅު. ސަރުކާރުން ދަނީ ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން" ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވި އެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 1000 ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން މައުލޫމާތުދެ އެވެ.

ޙައްޖުވެރިން މިނާއިން، ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށް ދިއުމަށެވެ. ހައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެ އެވެ.

އަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެ އެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރުގެ ހައްޖުދުވަހަކީ މާދަމާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!