ޚަބަރު

ނަޝީދުގެ ހިޔާލުފާޅު ކުރެއްވުމަށްފަހު މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމަވާލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު ދެކިވަޑައިގަންނަވާ ވަކި ގޮތެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދު ޖަލްސާ ނިންމަވާލައްވައިފި އެވެ.

ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލުގެ ފުރަތަމަ އަޑުއެހުމަށް ބިލުގެ ނަން ރައީސް ނަޝީދު އިއްވެވިއެވެ. އެއަށް ފަހު އެމަނިކުފާނު ވާހަކަފުޅުދެއްކެވީ މަޖިލިހުގެ ފާއިތުވި ދެ ޖަލްސާގައި ބަހުސްކުރި މައުޟޫޢު ކަމުގައިވާ ޤާނޫނު އަސާސީ އިޞްލާޙުކުރުމާ ގުޅޭ ގޮތުންނެވެ. އެމަނިކުފާނު ވިދާޅުވީ ހައެއްކަ މެންބަރުން މެނުވީ މަޖިލިހުގެ ދެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ޤާނޫނު އަސާސީ އިޞްލާޙުކުރުމާ ދެކޮޅު ހައްދަވާ ކަމުގައެވެ.

ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ އެމަނިކުފާނު އުޅުއްވަނީ އެމަނިކުފާނުގެ ވަކި ގޮތެއް މިކަމުގައި އޮވެގެން ނޫން ކަމުގައެވެ. ޤާނޫނު އިސާސީ އިޞްލާޙުކުރައްވަން މަޖިލިސް މެންބަރުން އެދިވަޑައިގަންނަވާނަމަ، އެގޮތަށް އެކަންކުރައްވަންވެސް ދެކޮޅު ނަހައްދަވާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ބިލާމެދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެއީ ޤާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ހުށަހެޅުނު ބިލެއް ކަމުގައެވެ. ނަމަވެސް އެބިލު ބަލައިނުގަނެ ބޭރުކޮށްލެއްވުން ނުވަތަ ކޮމިޓީ މަރުހަލާއަށް ފޮނުވުމަށްފަހު ފަހުން ބޭރުކޮށްލުމަކީވެސް މެންބަރުންނަށް ކުރެއްވިދާނެ ކަމެއް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ޙަސަން ލަޠީފު މިއަދު ހުށަހެޅުއްވި ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމުގައި ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެދާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލިސް ބައެއް މެންބަރުން ހުށަހަޅުއްވާފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަށް މެންބަރުން ޢައްޔަންކުރުމަކީ، ރައީސް ކުރައްވާނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!