މެނިންގޯކޮކަލް: ކޮންޓެކްޓް ޓްރޭސިން ނިމިއްޖެ، ބަލި ޖެހިފައިވާ އިތުރު މީހަކު ނެތް

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ހަދާ ނިމިފައިވާ ކަމަށާއި ކޮންޓެކްޓްވި އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
މިހާތަނަށް އެއްވެސް އިތުރު ކޭސްއެއް ފެނިފައިނުވާ ކަމަށް އެޗްޕިއޭ އިން މައުލޫމާތުދެ އެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައިވާކަން އެޗްޕިއޭއިން ހާމަކޮށްފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.ކޭސް ފެނުމާއި ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ މަސައްކަތްކޮށްފަ އެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާއާއެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައެވެ އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ.
އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެ އެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވެ އެވެ.
