ބޭރު ދުނިޔެ

ކޯވިޑް19: ނިއުޔޯކްގައި އެއްދުވަސް ތެރޭ 806 މަރު

ދެން އެމްވީ

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 ވައިރަސް ޖެހިގެން ނިއުޔޯކް ސިޓީގައި އެއް ދުވަސްތެރޭގައި 806 މީހުން މަރުވެއްޖެއެވެ.

އަންގާރަ ދުވަހު ނިއުޔޯކް ސިޓީގައި ކޯވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު 806 އެރުމުން، އެ ސިޓީގައި ކޯވިޑް 19 ޖެހިގެން މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. ކޯވިޑް 19 ޖެހިފައިވާ މީހުންތަކުން އެ ސިޓީގެ ހޮސްޕިޓަލުތައް ފުރުމާއި ގުޅިގެން ވަނީ އެ ސިޓީގެ ސެންޓަރަލު ޕާކްގައި ބަލި ޖެހޭ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އަދި 68 އެނދުގެ ވަގުތީ ހޮސްޕިޓަލެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

ދެދުވަސް ތެރޭ ގާއިމުކުރި އެ ވަގުތީ ހޮސްޕިޓަލުގައި މިހާރުވެސް ދަނީ ކޯވިޑް 19 ޖެހިފައިވާ 41 މީހުންނަށް ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 3 މީހުންގެ ހާލު ވަރަށް ސީރިއަސް ވުމުން ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. އެ ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދިނުމުގައި 70 އަށްވުރެ ގިނަ ސިއްހީ އެހީތެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިވަގުތު ކޯވިޑް 19 ތިންވަނައަށް އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ގައުމަކީ އެމެރިކާއެވެ. އެގޮތުން މިހާތަނަށް އެމެރިކާއިން ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު ވަނީ، 398000 އަށް އަރާފައެވެ. އެ ގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 12876 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!