ދުނިޔެ

އިނގިރޭސި ބޮޑުވަޒީރުގެ ހާލު ދަނީ ރަނގަޅުވަމުން: ތަރުޖަމާނު

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯސަން ، ނުރައްކާތެރި ކޯވިޑް 19 ވައިރަހަށް ޕޮޒިޓިވްވީ މިދިޔަ މަސް ތެރޭގައެވެ. ބޮޑު ވަޒީރު ބޮރިސް ގޭގައި ހުރެގެން ބައްޔަށް ފަރުވާ ހޯދުމަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓްވީ މީގެ ދެދުވަސް ކުރިންނެވެ.

Ads by Sosun Fihaara

ބޮޑު ވަޒީރު އިތުރު ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއި ގުޅިގެން އެކި ވާހަކަތައް ވަނީ ފެތުރިފައެވެ. އެގޮތުން ބޮޑުވަޒީރުގެ ހާލު ދެރަވެގެން ވެންޓިލޭޓަރެއްގައި ބާއްވާ ފަރުވާ ދެމުންދާ ކަމުގެ އަޑު ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު މިވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކަށް މައުލޫމާތު ދެމުން، ތަރުޖަމާނު ބުނީ، ބޮޑުވަޒީރަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށްބުނެ ފަތުރަނީ ދޮގުވާހަކަ ތަކެއް ކަމަށެވެ. ބޮޑު ވަަޒީރުގެ ހާލު މިހާރު ދަނީ ރަނގަޅު ވަމުން ކަމަށާއި، އެބޭފުޅާ ނޭވާ ލަނީ އެއްވެސް މެޝިނެއްގެ އެހީގައި ނޫން ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް އަށް ފަރުވާ ދެމުން ގެންދަނީ ލަންޑަންގެ އެސްޓީ ތޯމަސް ހޮސްޕިޓަލުގައެވެ. ބޮރިސް ކޯވިޑް 19 އަށް ޕޮޒިޓިވް ވުމަށްފަހު، އައިސޮލޭޝަންގައި ހުރި މުއްދަތުގައި ޑޮކްޓަރެއް އޭނާ ގާތުގައި ނެތް ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެ ދުވަސްކޮޅު ޑޮކްޓަރުން ބޮޑުވަޒީރުގެ ހާލު ބެއްލެވީ ވީޑިއޯ ކޯލް މެދުވެރިކޮށް ކަމަށްވެސް އަޑުފެތުރުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!