ފަހަށް ބެހެއްޓީމަ އަރާނީ ހިރަފުހެވެ.
ވަގުތަކީ ހޯދަން އުނދަގޫ ނަމަވެސް ނުހޯދޭނޭ އެއްޗެއް ނޫނެވެ. އަދި ވަގުތަކީ ގެއްލިއްޖެނަމަ އަނބުރާ ގެނެވޭނެ އެއްޗެެއްވެސް ނޫނެވެ. އާދޭހެވެ. މިއީ ރަނަށް ވުރެ އަގު ބޮޑު ޖަވާހިރުތަކެއް ފަދަ އެެއްޗެކެވެ. ވަގުތު ފާއިތު ވުމުގެ ކުރިން، ކުރަން ހުރި ހުރިހާ ކަމެއް ކުރެވޭތޯ މަސައްކަތް ކުރާށެވެ.
ކޮންމެ މީހަކީ ވެސް “ބިޒީ” ވެދާނޭ މީހެކެވެ. އެހެން ނަމަވެސް އެ “ބިޒީ” ދިރިއުޅުމުން ކުޑަ ވަގުތުކޮޅެއް ހޯދުމަކީ ތިމާ އަމިއްލައަށް މަސައްކަތް ކުރަންޖެހޭ ކަމެކެވެ.
މިސާލަކަށް ތިމާ ދިރިއުޅުމުގައި ކުރަން ހުންނަ ޒަރޫރީ ކަންކަން ކުރުމަށް ވަގުތު ނުދެވޭ ދަނޑިވަޅު އާދެއެވެ. މިހެން ކަންތައްތައް ވުމުން އަބަދު ވެސް މާދަމާ އެކަން ކުރަން ބެހެއްޓެއެވެ. އަދި އިބިލީހުގެ ކައިވެންޏަށް ވާ ފަދައިން ދުވަހަކު ވެސް އެ މާދަމައެއް ނާދެއެވެ.
ސުކޫލުގައި އުޅޭ ދުވަސްވަރު ވެސް ސުކޫލުން ދޭ ފިލާވަޅުތައް މުޠާލިޢާ ކުރަން ބެހެއްޓީ ފަހަށެވެ. ނަަތީޖާއެއްގެ ގޮތުން ފޮތުގައި އަތްލެވޭ އިރު ހުންނަނީ ތިމާ ފުރިހަމަ ކުރަންޖެހޭ އިމްތިހާނު ހަދާ ވަގުތު ވެސް އައިސްފައެވެ. އެ އިމްތިހާނުގެ ނަތީޖާ ވެސް ދަނީ އުއްމީދު ނުކުރާހާ ދެރަ ކޮށެވެ.
ވާހަކަފޮތެއް ކިޔާލުމަށް ފޮތް ގަންނަނީ ވަރަށް ކިޔާހިތުންނެވެ. އެފޮތް ގަނެގެން ގެއަށް ދެވުމާއެކު އެފޮތް ކިޔުމުގެ ކުރިއަށް އެހެން ކަންކަން އިސްކުރެވެއެވެ. ފަހުން އެފޮތް ކިޔާލަން ހޯދާއިރުގައި ގިނަ ފަހަރު އޮންނަނީ ފޮތް ގެއްލިފައެވެ. ނޫނީ އެފޮތަށް ހިރަފުސް އަރާފައެވެ.
މިފަދަ އެތައް ކަމެއް އެކަމެއްގެ ވަގުތުގައި ނުކުރެވުމުން އޮންނަނީ ގިނަފަހަރަށް ވަގުތު ފާއިތުވެފައެވެ. އެއީ ތިމާގެ ލޯބީގެ ޙަޔާތުގައި ނަމަވެސް މެއެވެ. ލޯބިވާ މީހެއް ގާތުގައި އެ ލޯބި ހުށަހަޅަންޖެހޭ ވަގުތު އެކަން ނުކުރެވުމުގެ ސަބަބުން “ތެޔޮ ނާށި ކާޅު ޖަހައި ގަނެފައެވެ”. އެހެންވީމާ ފަހަށް ކަންކަން ބަހައްޓާނަމަ އެއަށް އަރާނީ ހިރަފުހެވެ.