ސަމާސާ ވިހަ ވަނީ ނުގުޅޭ ވަގުތާއި ހާލަތުގައި ސަމާސާ ކުރެވޭތީއެވެ.
އެކަކު އަނެކަކާ ސަކަރާތްޖަހާ ސަމާސާކޮށް އުޅުމަކީ ވަރަށް ގިނައިން އާއިލާ ތަކުގެ ތެރޭގައި ވެސް އަދި ރަހުމަތްތެރިންގެ މެދުގައި ވެސް ކުރެވޭ ކަމެކެވެ. ސަކަރާތް ޖަހާ މަޖާ ކުރުމުގެ ގޮތުން އަނެކާ ރަކި ކޮށްލާ އަނެކާ އާއި ދިމާކޮށް ހެދުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. ނަމަވެސް އެއީ އަނެކާ ދެރަ ކޮށްލުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަން އޭނާއަށް ވެސް އެނގޭނެއެވެ.
ސަމާސާ ކުރުމުގައި ވެސް ވަކި ހައްދެއް އޮންނާނެ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެގޮތުން ސަމާސާ ކުރުމުގައި ވެސް ކިޔޭ ނުކިޔޭ އެއްޗެއް އެނގެން ވާނެ ކަން ގައިމެވެ. ކުރެވޭ ނުކުރެވޭ ކަމެއްވެސް އެނގެން ވާނެ ކަން ގައިމެވެ. ނޫން ނަމަ އޮންނާނީ ސަމާސާ ވިހަވެ އެ ސަމާސާ ބޮޑު "މާރާމާރީ" އަކަށް ބަދަލުވާ ހިސާބަށް ގޮސްފައެވެ.
އަޅުގަނޑުމެން ކުޑައިރު އަޑުއަހާ އެއް ވާހަކަ އަކީ "ސަމާސާ އަކަށް ނަމަވެސް ދޮގެއް ނުހަދާށެވެ"، މިވާހަކައެވެ. މިވާހަކައިގައި އުޅޭ ކުއްޖާ ސަމާސާއަކަށް ހަދައި އޭނާ ގެނބެން އުޅޭ ކަމަށް ހެދެއެވެ. އެއަށް ފަހު އެ ކުއްޖާ ސަލާމަތް ކުރުމަށް އެދި ގޮވަން ފަށައެވެ. ގެބެނީ ކަމަށާއި ސަލާމަތް ކުރުމަށް އެދި އާދޭސް ކުރެއެވެ. އެގޮތަށް ހަޅޭ ލަވަން ފެށުމުން އަތިރިމަތީގައި ތިބޭ މީހުން ގޮސް އޭނާ ސަލާމަތް ކުރަން އުޅުމުން އެމީހުންނަށް މަލާމާތް ކޮށް އޭނާ ހީ ހަދައެވެ. އެގޮތަށް ދެ ދުވަހަކު ކަންތައް ކުރުމަށް ފަހު ތިންވަނަ ދުވަހު މި ކުއްޖާ ހަގީގަތުގައި ވެސް ގެނބެނީއެވެ. ނަމަވެސް އޭނާގެ އާދޭހުގެ އަޑު އެދުވަހު އަތިރިމަތީގައި ތިބި މީހުން ނޭހީ އޭނާ މަކަރު ހަދާ ދޮގު ހަދާތީއެވެ. އެހެން ކަމުން ސަމާސާ އަކަށް ވެސް ދޮގު ހަދާކަށް ނުވާނެއެވެ.
އަޅުގަނޑުގެ ހަނދާނަށް ދެން އަންނަ ކަމަކީ އަޅުގަނޑުމެންގެ މާމަ އާއި ކާފަމެން ބުނެ އުޅޭ ވާހަކަ އެކެވެ. މަރަށް ސަމާސަ ނުކުރުމަށް އަބަދުވެސް ނަސޭހަތްތެރިވާ ހަނދާނެވެ. ރާއްޖޭގައި ވަރަށް ފަހުން ވެސް މީހަކު މަރުވީ ކަމަށް ބުނެ މީސްމީޑިއާގައި ޕޯސްޓެއް ކުރިއެވެ. ޒުވާނެއްގެ މަރުގެ ހަބަރު މީސްމީޑިއާގައި ހިއްސާކޮށްލުމުން އެތައް ބަޔަކު ތައުޒިޔާ ކިޔާ ވެސް ހެދިއެވެ. ނަމަވެސް އާޚިރުގައި އެކަންތައްވެސް ވީ އޭނާގެ ރައްޓެއްސަކު މަޖަލަކަށް ކޮށްލި ކަމަކަށެވެ. ނަމަވެސް މި ޕޯސްޓު ފެނުނު އޭނާގެ ކިތަންމެ ރައްޓެހިންނެއް ވަނީ އެކަމާ ހިތާމަ ކޮށްފައެވެ. އެހެން ކަމުން އެއީ ސަމާސާއެއް ކަން އެނގުމުން ކިހާ ރުޅިއެއް އަންނާނެ ހެއްޔެވެ. އެއީ ނުގުޅޭ ވަގުތާއި ހާލަތުގައި ސަމާސާ ކުރުމުން ހަމަ ވާނެ ގޮތެވެ.
މީހަކު ދެރަވެފައި އިންނަ ވަގުތެއްގައި އޭނާއާއި ދިމާކުރުމުގެ ގޮތުން އެއްޗެހި ކިޔަން ފަށައިފިނަމަ އެމީހަކު އިތުރަށް ދެރަވެސް ވެދާނެ ކަން ދަންނަން ވާނެއެވެ. އެފަދަ ވަގުތުތަކަކީ ސަމާސާކުރަން އެންމެ މުނާސަބު ވަގުތުތޯ ވެސް ހަމަ އަމިއްލަ ނަފްސާ ސުވާލު ކޮށްލަން ވާނެއެވެ. މީހަކު "މޫޑީ" ވެފައި އިންނަ ވަގުތެއްގައި އެމީހަކު ނުރުހޭ ވާހަކައެއް ދައްކަން ފެށުމުން އޭނާގެ ގާތަށް ރުޅި އައުމުގެ ފުރުސަތު ނުހަނު ބޮޑު ވާނެ ކަން ގައިމެވެ.
ރައްޓެހިން އެކުގައި އުޅޭއިރު އަދި އާއިލާގެ ތެރޭގައި ވެސް އެކަކު އަނެކަކާ ސަމާސާ ކުރަން ވާނެ އެވެ. ނަމަވެސް އެކަމުގައި ވެސް ވަކި މިންގަނޑުތަކެއް ބެހެއްޓުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަދި ސަމާސާ ކުރުމުގެ ކުރިން އެ ވަގުތާއި ހާލަތަކީ ސަމާސާ ކުރުމަށް އެންމެ މުނާސަބު ވަގުތު ތޯ ވިސްނާލުމަކީ ވެސް ނުހަނު މުހިއްމު ކަމެކެވެ.