ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު 215 މީހަކަށް މިއަދު ނަސޭހަތް ދީފި
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި މާލޭ ސަރަހައްދުގައި ހިންގާ ކާފިއުގެ ވަގުތުގައި މިއަދު ބޭރުގައި އުޅުނު 21 މީހަކަށް ނަސޭހަތް ދީފިއެވެ.
ފުލުހުން ބުނީ މިއަދު ނަސޭހަތްދިން 215 މީހުންގެ ތެރޭގައި ހިމެނެނީ، 177 ދިވެހިންނާއި 38 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ. އަދި ދެވަނަ ފަހަރަށް ހަ މީހަކަށް ނަސޭހަތް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ކާފިއުގެ ވަގުތުގައި ބޭރުގައި އުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.
އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.