ފުރިއިގެން ދިޔަފަހުން ކޮވިޑް-19އަށް ފައްސިވި މީހާއާ ކޮންޓެކްޓުވި 33 މީހަކު އެކަހެރި ކޮށްފި
ދެ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ފުރިއިގެން ދިޔަފަހުން ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން އެ މީހާއާ ކޮންޓެކްޓުވި 33 މީހަކު އެކަހެރި ކޮށްފިއެވެ.
ޖޯލި މޯލްޑިވްސް ރިސޯޓާއި ބޮޑުފުށި ރިސޯޓުގައި މަސައްކަތް ކުރި އެ މީހާ ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވި ކަން އެންގުމާ އެކު އެ ދެ ރަށް ވަނީ ބަންދުކޮށްފަ އެވެ. މި މީހާ ރާއްޖެއިން ފުރީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާ ފައްސިވިކަން ރާއްޖެ އަށް އެންގީ އިއްޔެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި މައްސަލަ ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އެޗްޕީއޭއިން ބަލަމުންދާ ކަމަށާއި އެޗްޕީއޭގެ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް އެމީހާ އާއި ގުޅުން ހުރި 33 މީހަކު ދެނެގަނެފައިވާ ކަމަށާއި އެ އެންމެން އެކަހެރިކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމީހާ އާއި އެކު މަސައްކަތް ކުރި މުވައްޒަފުންނާއި، އެއަޕޯޓަށް އޭނާ ދިޔަ ލޯންޗު ކްރޫ އާއި އެއާޕޯޓުގައި އެމީހާއަށް ހިދުމަތް ދިން މުވައްޒަފުންނެވެ. މަބްރޫކް ވިދާޅުވީ މިހާތަނަށް އައިސޮލޭޝަންގައި ތިބި މީހުންގެ ތެރެއިން 21 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.