ޒުވާން ޚަތީބުން ތަމްރީންކުރާ ޕްރޮގްރާމްގެ ތިންވަނަ ބެޗު ފަށައިފި

ޒުވާން ޚަތީބުން ތަމްރީންކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގުރާމުގެ ތިން ވަނަ ބެޗު މިއަދު ފަށައިފި އެވެ.
ޒުވާން ޚަތީބުން ޕްރޮގުރާމުގެ ތިން ވަނަށް ބެޗަށް ހުޅުވާލުމާއެކު 338 ފަރާތަކުން ފޯމު ހުށަހެޅި އެވެ. ނަމަވެސް ޝަރުތު ހަމަވެ އަދި އިމްތިހާނުން ފާސްވެގެން ޕްރޮގްރާމްގައި ބައިވެރިކުރީ 257 ބައިވެރިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް ޒުވާން ހަތީބުންގެ ދެ ބުރެއް ނިމިފައިވާއިރު، 234 ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފަ އެވެ.
’ޒުވާން ހަތީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ހަތީބުންނަށް ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ހާއްސަ ތަމްރީނުތަކެއް ދެވޭނެ އެވެ. އެ ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހަތައެއް ވަނީ ލިބިފަ އެވެ.
އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަތީބުން އުފެއްދުމަށެވެ.