އެމްޑީޕީގެ ޗެއާޕާސަނަށް އެއްވެސް މަގާމަކަށް ނުދެވޭ ގޮތަށް ހުށަހަޅަނީ

އެމްޑީޕީގެ ޗެއާޕާސަނަށް އެއްވެސް މަގާމަކަށް ނުދެވޭ ގޮތަށް ހަދަން އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އޮތީ އޮގަސްޓް މަހުގަ އެވެ. އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ކަންކަން ހުށަހަޅަން ނިންމާފައިވެ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން 'ސަންގު ޓީވީ' ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ރައީސްއާއި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ތެރެއިން ކޮންމެ ވެސް އެއް މަގާމެއް ބޭއްވުމަށް ހުށަހަޅާނެ ކަމަށެވެ.
އަދި ދެން އުފެދޭ ޗެއާޕާސަންގެ މަގާމުގެ ދައުރުގެ ތެރެއިން އަންނަ ރިޔާސީ ޕްރައިމަރީއަކަށް ކުރިމަތި ނުލެވޭ ގޮތަށް ވެސް ހުށަހަޅާނެ އެވެ. އޭގެ އިތުރުން ސަރުކާރުގެ އެހެން މަގާމެއް ނޫނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ނުވަތަ އެހެން އިންތިހާބީ މަގާމެއް ވެސް ނުފުރޭނެ އެވެ.
"އެއީ ފުލް ޓައިމް، މުސާރަ އެއް ވެސް ކަނޑައަޅާފައި އޮންނަ، އެމްޑީޕީ ހިންގުމަށް އެކަނި ހުސްވެ ހުރެވޭ ގޮތަށް އޮންނާނެ މަގާމެއް," ފައްޔާޒު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޗެއާޕާސަންގެ މަގާމަށް ނުކުންނެވި ފައްޔާޒު ވިދާޅުވީ އެމްޑީޕީ ސަރުކާރަށް އަންނަ ކޮންމެ ފަހަރަކު ޕާޓީގެ ހިންގުން ހީނަރުވާ ކަމަށެވެ. އެހެން ވަނީ ވެސް ޕާޓީ ހިންގަން ދާއިމީ ލީޑަރަކު ނުހުންނާތީއާއި ވަރުގަދަ އެންމެން ވެސް ސަރުކާރުގެ އެކި މަގާމުތަކަށް ދާތީ އެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް ދާއިރު ޕާޓީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑެވެ. ފައްޔާޒު ވެސް ވަނީ އެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ގެންދަވަނީ ޕާޓީގެ އެތެރޭގައި ކެމްޕެއިން ކުރައްވަމުންނެވެ.
އެމްޑީޕީގެ ލީޑަރެއްގެ ގޮތުގައި 15 އަހަރެއްހާ ދުވަހު ހުންނެވުމަށް ފަހު މިދިޔަ ރިޔާސީ އިންތިހާބުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޕާޓީ ދޫކޮށްލެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕާޓީއާ އަލުން ގުޅިވަޑައިގެންފަ އެވެ.
އޭގެ ކުރިން އެމްޑީޕީގެ ބައެއް އިސް މެންބަރުންތަކަކަށް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ހުންނެވި ކަމަށް ވިދާޅުވެ ހިޔާލު ހޯއްދަވަން މެސެޖެއް ފޮނުއްވައިފަ އެވެ.
