އިސްލާމީ މަރުކަޒުތަކުގެ ގާއިމްކުރާ ލައިބްރަރީތަކަށް ބޭރު ޔުނިވާސިޓީއަކުން 60 ހާސް ފޮތް ހަދިޔާކުރަނީ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
އެކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިއްދޫ އިސްލާމިކް ސެންޓާ ލައިބްރަރީއާއި އުނގޫފާރު އިސްލާމިކް ސެންޓާ ލައިބްރަރީއާއި ތިނަދޫ އިސްލާމިކް ސެންޓާ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓާ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ވަނީ ހަމަޖެހިފައިވާކަމަށާއި މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، މީގެ ތެރެއިން މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެގޮތުން މާލޭގައި ގާއިމްކުރެވޭ އިސްލާމީ ލައިބްރަރީ ސަލްމާން މިސްކިތުގައި ގާއިމް ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ.
