ޚަބަރު

ބަންދުކޮށްގެން އަބަދު ނުތިބެވޭނެ، އާންމު ހާލަތަށް އަންނަން ތައްޔާރުވާންވީ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރާއި ސްކޫލްތައް ބަންދުކޮށްގެން އަބަދު ނުތިބެވޭނެ ކަމަށާއި އާންމު ހާލަތަކަށް އަންނަން ރައްޔިތުން ތައްޔާރުވާން ވެއްޖެ ކަމަށް ކޮވިޑް019ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮންމެ ވެސް ދުވަހަކުން ރާއްޖެ އާންމު ހާލަތަކަށް އަންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އާންމު ހާލަތަކީ ކުރިން ދިރިއުޅުނު އާންމު ހާލަތަށް ނުވެދާނެ ކަމަށާއި އެހެން ކަމުން އާންމު ދިރިއުޅުމުގައި މުޅިން އާ އާދަތަކެއް ގެންގުޅުމަށް މަބުރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެހެން ގައުމުތަކުގެ ރައްޔިތުން މިދުވަސްކޮޅު ބޭނުންކުރަނީ ދެން އަންނަ ހާލަތަށް ތައްޔާރުވާން ކަމަށެވެ، އޭގެ މާނައަކީ ތަންތަނަށް ދާއިރުގައި ތޮއްޖެހިފައި ހުންނަ ތަންތަނަށް ނުދިއުން ފަދަ ކަންކަން ދަސްކުރުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ފިހާރަތަކަށް ދާއިރު އެއްޗެހީގައި އަތް ނުލުމަށާއި ކޭޝް ލެސް ކޮށް އުޅެން ދަސްކޮށް އޮންލައިންކޮށް ނުވަތަ ކާޑުން ޓްރާންސްސެކްސަން ހެދުމަށް އިސްކަން ދޭން ޖެހޭ. މީގެ އިތުރުން ގޭ ތެރޭގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ. ވިޔަފާރިތައް ކުރިއެރުވުމަށް އާ އީޖާދީ ގޮތްތައް ހޯދަން ޖެހޭ" މަބުރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ މިހާރު ލިބިފައި އޮތް ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި އުޅޭ އުޅުމުގައި ކަންތައް ކުރާނެ ގޮތް އިތުރު ގޮތްތަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސަރުކާރާއި ސްކޫލްތައް ވެސް ބަންދު ކޮށްފައެވެ. މީގެ އިތުރުން މާލެ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!