ހިޖާމާ ޖަހައިގެން ބަރުދަން ލުއިވާނެކަމަށް ޕްރޮމޯޓްކުރާ މައްސަލަ ބަލަނީ

ހިޖާމާ ޖަހައިގެން ބަރުދަން ލުއިވާނެކަމަށް ބުނެ އެކަން ޕްރޮމޯޓްކުރާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ހިޖާމާ ޖެހުމުން ކަސްރަތާ ނުލައި ބަރުދަން ލުއިވާނެކަމަށް ބުނެ އެކަން ޕްރޮމޯޓްކުރަމުން ދިޔައީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މިހާރު ހިޖާމާ ޖަހައިދިނުމުގެ ހިދުމަތް ދެމުންދާ ފަޒީލާ އުސްމާން އެވެ.
އޭނާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ހިޖާމާ ޖެހުމުން ދެތިން ކިލޯވެސް ލުއިވާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ދެން" އަށް ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމުން އެކަން ބަލަން ފަށާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ހިޖާމާ ޖެހުމުން ހަކުދު ބަލި ކޮންޓްރޯލުލުރެވޭ ކަމަށް ފަޒީ ބުނި މައްސަލަ ހޫނުވުމުން މިނިސްޓްރީން ފަޒީ ހިޖާމާ ޖެހުން ހުއްޓުވި އެވެ. އޭރު ހެލްތު މިނިސްޓްރީން ބުނީ ފަޒީލާ އެކަން ކުރަނީ ހުއްދަ ވެސް ނުނަގާ ކަމަށެވެ.
ނަމަވެސް ފަޒީލާ ކޯސް ފުރިހަމަކޮށް ހިޖާމާ ޖެހުމުގެ ހުއްދަ މިދިޔަ ޖެނުއަރީ މަހު ދިނުމުން އަލުން ވަނީ އެ ހިދުމަތް ފަށައިފަ އެވެ.
