ޗައިނާގެ ޒުވާނުން ވަޒީފާގެ ބަދަލުގައި މާމަ، ކާފަ ބެލުމަށް އަހުލުވެރިވަނީ
ޗައިނާގެ ޒުވާނުންގެ މެދުގައި "ފުލްޓައިމް ގްރޭންޑްޗައިލްޑް" ގެ ނަމުގައި އާ ޓްރެންޑެއް ފެށި، ގިނަ ޒުވާނުން މިހާރު ވަނީ ވަޒީފާގެ ބަދަލުގައި މާމަ އާއި ކާފަ ބެލުމަށް އަހުލުވެރިވެފައެވެ. މިކަމަކީ އެ ގައުމުގެ ޒުވާނުންގެ ވަޒީފާގެ ހާލަތު ދައްކުވައިދޭ ކަމެއް ކަމަށް ވިސްނޭ ފަރާތްތައް ފާހަގަކުރެއެވެ.
ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ ޖޫން މަހު 16 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ 15.3 ޕަސެންޓުގައެވެ. މިއީ 2023 ވަނަ އަހަރު 21 ޕަސެންޓަށް އަރާފައިވާ މިންވަރުން ދަށްވެފައިވާ ނިސްބަތެކެވެ. ނަމަވެސް މިނިވަން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ނިސްބަތް މިއަށްވުރެ މާ މަތިވެދާނެއެވެ.
މި މައްސަލައިގެ ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ގެންގުޅުނު "ޒީރޯ-ކޮވިޑް" ޕޮލިސީގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށް ކުރިމަތިވި ހީނަރުކަމާއި، ޔުނިވަރސިޓީތަކުން ގްރެޖުއޭޓްވާ ދަރިވަރުންގެ އަދަދު އިތުރުވެ، ވަޒީފާގެ ފުރުސަތު މަދުވުން ހިމެނެއެވެ. މީގެ އިތުރުން ޓެކްނޮލޮޖީ ކުންފުނިތަކާއި ޓިއުޝަން ދޭ ތަންތަނުގެ މައްޗަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވެސް ވަޒީފާގެ ފުރުސަތުތައް ވަނީ ހަނިވެފައެވެ.
ގިނަ ޒުވާނުން "ފުލްޓައިމް ގްރޭންޑްޗައިލްޑް" ގެ ގޮތުގައި މަސައްކަތްކުރަން ފަށާފައިވަނީ މަޖުބޫރުވެގެންނެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން އެ ފަރާތްތަކަށް ދިރިއުޅުމުގައި މަގުސަދެއް އޮތްކަމުގެ އިހުސާސް ލިބެއެވެ. ބައެއް ޒުވާނުން މާމަ، ކާފައިންނާއެކު ހޭދަކުރާ ވަގުތު ސޯޝަލް މީޑިއާގައި ހިއްސާކޮށް، އެ މީހުންގެ ދިރިއުޅުމުގެ ވަށައިގެން އާ މުޖުތަމައެއް އުފައްދަމުންދާކަން ފާހަގަކުރެވެއެވެ.
މި ޓްރެންޑްއަކީ ޗައިނާގެ އިޖްތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން އުފެދިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. އަދި މިކަމަކީ އެ ގައުމުގެ ޒުވާނުންގެ ވަޒީފާގެ ހާލަތު ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ދައްކުވައިދޭ ކަމެއް ކަމުގައި ވެސް ބެލެވެއެވެ.