ޚަބަރު

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ގީލާ ވިދާޅެއް ނުވޭ: ހަލީލް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި ޗާގޯސް ހޯދުމަށް ރާއްޖޭން މަސައްކަތް ނުކުރާ ކަމަށް ޔޫރަޕިއަން ޔުނިއަންއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ އަލީ ވިދާޅުވި ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަ ދޮގުކޮށްފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެކްސްގައި ލިއުއްވީ ސަފީރަށް ޔޫރަޕިއަން ޕާލިމެންޓުން ކުރި ސުވާލަކީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާ މެދު ދެކޭ ގޮތް ކަމަށެވެ.

މި ސުވާލަލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ޤާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާއި ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް ލިއުއްވާފައިވެ އެވެ.

"ޙަޤީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ސަރުކާރުގެ ސިއްރު ސިޓީއަކުން. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ،" ހަލީލު ލިއުއްވާފައިވެ އެވެ.

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތުން އެއްބަސްވެ ޑިއެގޯ ގާސިއާގެ މިލިޓަރީ ބޭސް ފިޔަވައި ހުރިހާ ރަށެއް ހަވާލު ކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ޗާގޯސްގެ މިލްކުވެރިކަން އެންމެ ހައްގު ވަނީ ރާއްޖެއަށް ކަމަށް ފާހަގަ ކުރައްވައި އިނގިރޭސިވިލާތަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެމަނިކުފާނު މި ވަގުތު ހުންނެވީ ވެސް ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގަ އެވެ. ނަމަވެސް ޗާގޯސްގެ މައްސަލައާ ގުޅިގެން އެއްވެސް މަސައްކަތެއް ކުރި ކަމަކަށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މޮރިޝަސްއާއި ރާއްޖޭގެ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި އޭރުގެ އެމްޑީޕީގެ ސަރުކާރުން ވަކާލާތުކުރި ގޮތުން ދެކުނުގެ ކަނޑުން ބޮޑު ބައެއް ގެއްލުނު ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ އެވެ.

އެ ސަރަހައްދު ހޯދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

 

Ads by HDC