ޔޫކޭއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫކެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކާއި، ތަފާތު ހަރަކާތްތައް ހިމެނިގެން ކުރިއަށްދިޔަ މި ދަތުރުފުޅު ވެގެންދިޔައީ، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ދޭ އަހުމިއްޔަތުކަން ފާހަގަކުރެވިގެން ދިޔަ ދަތުރުފުޅަކަށެވެ.
އެގޮތުން، މި ދަތުރުފުޅުގައި ރައީސް ވަނީ، ޔޫކޭގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. އޭގެ ތެރޭގައި، ހައުސް އޮފް ކޮމަންސްގެ ސްޕީކާ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ ހިމެނިވަޑައިގެންނެވި އެވެ. މި ބޭފުޅުންނާއެކު މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުން، ތައުލީމާއި ސްކޮލާޝިޕްގެ ފުރުސަތުތައް، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން އަދި އަދުލުއިންސާފުގެ ނިޒާމީ އިސްލާހުތަކަށް ޔޫކޭއިން ދެއްވާ އެއްބާރުލުން ހިމެނެ އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، އިނގިރޭސި ރަސްގެފާނު، ޗާލްސް ތިންވަނަ އާވެސް ބައްދަލުކުރައްވާފަ އެވެ. ވިންޑްސާ ކާސަލްގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުން ވެގެންގޮސްފައިވަނީ، ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ބައްދަލުވުމަކަށެވެ.
މީގެއިތުރުން، ރައީސް ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝަލީ އަޔޯކޯ ބޮޗްވޭއާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި ކޮމަންވެލްތުން މަސްލަޙަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުންދެވޭ މިންވަރު އިތުރުކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ރާއްޖެ އާއި ޔޫކޭއާ ދެމެދު، ވުނަކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްހުރި ފުރުސަތުތަކަށް އަލިއަޅުވާލައްވައި ބޭއްވެވި "މޯލްޑިވްސް- ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވެސް ރައީސް ބައިވެރިވެވަޑައިގަތެވެ. މި ފޯރަމްގައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބާސް އޮފް ކޮމާސް އާއި ރާއްޖޭގެ އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެ އެވެ.
އަދި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމަށް ބޭނުންކުރާ މަރުކާގެ ގޮތުގައި "ފްރޮމް މޯލްޑިވްސް" މި ފޯރަމުގައި ވަނީ އިފްތިތާހުކޮށްފަ އެވެ.