ދުނިޔެ

ޓިބެޓުގައި ދުނިޔޭގެ އެންމެ ބޮޑު ޑެމް އެޅުމުން އިންޑިޔާ އާއި ޓިބެޓަށް ކުރިމަތިވާ ނުރައްކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ޓިބެޓުގެ ޔާލަންގް ޒަންގްޕޯ ކޯރުގައި ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯޕަވަރ ޑެމްގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. އިންޑިޔާއަށް ވަންނަ ހިސާބުން ބްރަހްމަޕުޓްރާ ގެ ނަމުން މަޝްހޫރު މި ކޯރަކީ އިންޑިޔާގެ އިރުމަތީ އުތުރާއި ބަންގްލަދޭޝްގެ ތިމާވެށްޓާއި އިގްތިސާދަށް ވަރަށް މުހިންމު ކޯރެކެވެ. އިންޑިޔާގެ ބޯޑަރާ ކައިރީގައި އޮންނަ ނިންގްޗީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޗައިނާގެ ބޮޑުވަޒީރު ލީ ޗިއާންގް އިފްތިތާހުކުރި މި މަޝްރޫޢުގެ އަގަކީ 167.8 ބިލިއަން ޑޮލަރެވެ.

Ads by MPL

މި ޑެމްގައި ފަސް ކެސްކޭޑް ހައިޑްރޯޕަވަރ ސްޓޭޝަން ހިމެނޭނެއެވެ. އަދި އަހަރަކު 300 ބިލިއަން ކިލޯވަޓް-އަވަރަށްވުރެ ގިނަ ކަރަންޓު އުފެއްދޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ޗައިނާގެ ތްރީ ގޯޖަސް ޑެމްއިން އުފައްދާ މިންވަރުގެ ތިން ގުނައެވެ. މި މަޝްރޫޢަކީ ޗައިނާގެ "ބިގް ޑެމް" ސިޔާސަތުގެ ބައެއްގެ ގޮތުގައި "ގަރުނުގެ މަޝްރޫޢު" ގެ ގޮތުގައި ފާހަގަކުރެވެއެވެ.

އިންޑިޔާއިން ކަންބޮޑުވުން ފާޅުކުރަނީ މި ޑެމް އެޅެނީ އިންޑިޔާގެ ބޯޑަރާ ވަރަށް ކައިރީގައި ކަމަށްވެފައި، ޗައިނާއާއެކު ފެން ބެހުމުގެ އެއްބަސްވުމެއް ނެތުމުންނެވެ. ބްރަހްމަޕުޓްރާ ކޯރަކީ އިންޑިޔާގެ އިރުމަތީ އުތުރުގެ މިލިއަނުން މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ކޯރެކެވެ. މި ސަރަހައްދުގެ ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދުވަހުން ދުވަހަށް ބޭނުންވާ ފެނުގެ ބޭނުންތައް ފުއްދުމަށް މި ކޯރަށް ބަރޯސާވެއެވެ.

އަރުނާޗަލް ޕްރަދޭޝްގެ ވެރިޔާ ޕެމާ ކަންދޫ މި ޑެމް ސިފަކޮށްފައިވަނީ "ގޮއްވާލަން ތައްޔާރުކޮށްފައިވާ ފެނުގެ ބޮމެއް" ގެ ގޮތުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުއްލިއަކަށް ފެން ދޫކޮށްލައިފިނަމަ ސިއާންގް ބެލްޓަށާއި އާދީ ފަދަ ބިމުގެ އަހުލުވެރިންގެ ދިރިއުޅުމަށް ނުރައްކާވެދާނެއެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ވަނީ ބެއިޖިންގްއާއެކު މި ކަންބޮޑުވުންތައް ތަކުރާރުކޮށް ހިއްސާކޮށް، ކޯރުގެ ދަށު ސަރަހައްދުތަކަށް ގެއްލުން ނުވާނެ ގޮތަށް މަސައްކަތްކުރުމަށް އެދިފައެވެ. އިންޑިޔާ އާއި ޗައިނާގެ އޮފިޝަލުންގެ މަޝްވަރާތަކުގައި 2022 ގައި ހުއްޓާލާފައިވާ ހައިޑްރޮލޮޖިކަލް ޑޭޓާ ހިއްސާކުރުން އަލުން ފެށުމަށް ގޮވާލާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!